ކޮލަމް

ފޯމޯ: އިޖުތިމާޢީ ވިޔުގަތަކުގެ ފުށުއަރާ ޙަޤީޤަތް

ފޯމޯ: އިޖުތިމާޢީ ވިޔުގަތަކުގެ ފުށުއަރާ ޙަޤީޤަތް

ފޯމޯ: އިޖުތިމާޢީ ވިޔުގަތަކުގެ ފުށުއަރާ ޙަޤީޤަތް

28 ސެޕްޓެމްބަރު 2025، 04:00

އަދުގެ ޖީލަށް "ފޯމޯ" އޭ ބުނީމާ އެއީ ކޮން އެއްޗެއް ކަން ނޭނގި ނުދާނެއެވެ. އާދެ، އެއީ "ފިޔަރ އޮފް މިސިންގ އައުޓް" ނުވަތަ ބާކީވެދާނެ ކަމުގެ ބިރެވެ. ފޯމޯ ފުށުއެރުން ނުވަތަ ފޯމޯ ޕެރަޑޮކްސްގައި ވާ ގޮތަކީ، ތިމާ އެއްވެސް ކަމަކުން ބާކީވެދާނެ ކަމުގެ ބިރުގައި އިޖުތިމާޢީ ވިޔުގަތަކުގައި ހުންނަ ކަންތަކާ މެދު ތިމާގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ސަބަބަކީ، އެހެން މީހުންގެ ދިރިއުޅުމާ ތިމާގެ ދިރިއުޅުން އަޅައި ކިޔޭ ގޮތް ވުމެވެ. ނަމަވެސް، އިޖުތިމާޢީ ވިޔުގަތައް މެދުވެރިކޮށް ތިމާގެ އިޖުތިމާޢީ ބައިވެރިވުން އިތުރުކުރަން މަސައްކަތްކުރާ ވަރަކަށް، ތިމާއަށް ބާކީވުން އިޙުސާސްކުރެވޭ ލެއް ހައްތަހައި އިތުރުވެގެން ދެއެވެ. 

ފޯމޯ ޕެރަޑޮކްސްގެ ޙަޤީޤަތަކީ ކޮބައި؟

ފޯމޯ ފުށުއެރުމުގެ ޙަޤީޤަތަކީ، އޮންލައިންކޮށް ތިމާ ދަންނަ މީހުންގެ ޙަޔާތުގައި ހިނގާ ކަންކަން ދަނެގަނެ، އަދާ ހަމަކުރަން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ތިމާ އިތުރަށް ބާކީވާ ގޮތް ވުމެވެ. ތިމާގެ އެކުވެރީންނާއި ޢާއިލާގެ މީހުން އޮންލައިންކޮށް ޕޯސްޓުކޮށްފައި ހުންނަ ތަޞްވީރުތަކާއި މަންޡަރުތައް ދެކެން ބޭނުންވެއެވެ. އެހެނަސް، ކޮންމެ ތަޞްވީރަކުން، ކޮންމެ މަންޡަރަކުންމެ ތިމާއަށް ޞިފަވަނީ ތިމާގެ ޙަޔާތުގެ އުނިކަމެވެ. އެހެން މީހުންނާ ގުޅުމުގެ ނިޔަތުގައި ފެށި ޢަމަލުގެ ނަތީޖާއަކަށް ވީ، އާޚިރުގައި ތިމާ އެހެން މީހުންނާ އިތުރަށް އެކަހެރި ވެގެން ދިޔުމެވެ.

މި ކަން މި ގޮތަށް ވަނީ ކީއްވެ؟

ފޯމޯ ފުށުއެރުން ދިމާވާ ސަބަބަކީ، އެނގިހުރެ ވިޔަސް، ނުވަތަ ނޭނގި ވިޔަސް، ތިމާގެ ދިރިއުޅުން އެހެން މީހުންގެ ދިރިއުޅުމާ އަޅައިކިޔުމެވެ. މި އަޅައިކިޔުމަށް މަގުފަހިވާ އެތައް ސަބަބުތަކެއް ވެއެވެ. ނަމަވެސް މި އެންމެހައި ސަބަބުތައް ވެސް މައިގަނޑު އެއް ސަބަބުގެ ތެރެއަށް ފެތޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އެއީ ޣާފިލުކަމެވެ.

ފޯމޯ ޕެރަޑޮކްސް ކުރިމަތިވަނީ އެތައް ޙަޤީޤަތަކާ މެދު މީހާ ޣާފިލުވުމުގެ ސަބަބުންނެވެ. މީގެ ތެރެއިން އެއް ޙަޤީޤަތަކީ، މީހުން އިޖުތިމާޢީ ވިޔުގަތަކުގައި ޙިއްޞާކުރަނީ އެ މީހުންގެ ޙަޔާތުގެ އެންމެ ފުރިހަމަ ކަންތައްތައް ކަމެވެ. އެއްވެސް މީހަކު އެ މީހަކަށް ކުރިމަތިވާ ދަތިތަކާއި، ދިމާވާ ހިތާމަވެރި ކަންތަކުގެ ފޮޓޯތައް ޕޯސްޓުކޮށް ނުހަދައެވެ. ނަމަވެސް، މި ޙަޤީޤަތް ބޮލުގައި ހަރުލާފައި ނުހުރުމުން، އެހެން މީހުން ލައިފައި ހުންނަ ޕޯސްޓުތަކުން ޙަޤީޤަތާ ޚިލާފު ވަހުމުތަކެއް ތިމާގެ ސިކުނޑިއަށް ނަގައިގަނެވެއެވެ. އެހެން މީހުންގެ ޙަޔާތަކީ ވެސް އަބަދު އުފާވެރި އެއްޗެއް ނޫން ކަން ހަނދާން ނެތި، ތިމާގެ ޙާލަތާ މެދު ހިތާމަވެރިވެވެއެވެ. އިޖުތިމާޢީ ވިޔުގަތައް ބޭނުންކުރުމުގައިި މީހުން ޣާފިލުވާ އަނެއް ޙަޤީޤަތަކީ، އިޖުތިމާޢީ ވިޔުގަތަކުގައި ޙިއްޞާކޮށްފައި ހުންނަ ހުރިހައި ތަކެއްޗަކީ އަޞްލު ތަކެތި ނޫންކަމެވެ. މީހުން ޕޯސްޓުކޮށްފައި ހުންނަ ތަޞްވީރުތަކާއި މަންޡަރުތަކުގައި ޙަޤީޤަތުގެ މިންވަރެއް ހިމެނުނަސް، އެ ތަކެތި އެތައް ގޮތަކަށް އެޑިޓުކޮށް، ބެލުންތެރީންގެ ލޯތަކަށް ޒީނަތްތެރިކުރުމަށް މަސައްކަތްކުރެއެވެ. ވީމާ، އިޖުތިމާޢީ ވިޔުގަތައް ބޭނުންކުރާ އިރު މި ކަންކަން ހަނދާނުގައި ބެހެއްޓުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ.

އިހު ބަޔާންކުރި ސަބަބުތަކުގެ އިތުރުން، އިޖުތިމާޢީ ވިޔުގަތަކުގައި ވަރަށް ގިނަ މީހުންގެ ޙަޔާތް އެއް ފަހަރާ އެއް ތަނަކުން ފެންނަން ހުންނާތީ، ތިމާގެ ހިތުން ތިމާގެ ޙަޔާތުގެ "އުނިކަން" ތިމާއަށް އިތުރަށް ކަޝްފުވާން މެދުވެރިވެއެވެ.

ދިރާސާތަކުން ބުނަނީ ކީކޭ؟

ޖަރނަލް އޮފް ސޯޝަލް އެންޑް ކްލިނިކަލް ސައިކޮލޮޖީގައި 2020ވަނަ އަހަރު ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އިޖުތިމާޢީ ވިޔުގަ ބޭނުންކުރާ ކުރުމާއި، ތިމާގެ "ޑިޕްރެޝަން"ގެ ޢިޙުސާސްތަކާ މެދު ސީދާ ގުޅުމެއް އޮވެއެވެ. އެ ދިރާސާއިން ޘާބިތުކޮށްދިން ގޮތުގައި، އިޖުތިމާޢީ ވިޔުގަތައް އިސްތިޢުމާލުކުރުން ދުވާލަކު ބައި ގަޑިއަށް މަދުކޮށްލުމުން، ޒުވާނުންގެ ހިތްތަކުގައިވާ ނޭދެވޭ އިޙުސާސްތައް ބޮޑު ތަނުން މަދުވެގެން ދެއެވެ.

ފޯމޯ ޕެރަޑޮކްސްގެ މަޅިން ސަލާމަތްވާނީ ކިހިނެއް؟

ކޮންމެ މައްސަލައެއް ޙައްލުކުރުމުގައި ވެސް ބުއްދިވެރީން ޢަމަލުކުރާ ގޮތަކީ، އެ މައްސަލައެއް ކުރިމަތިވާން ދިމާވާ އަޞްލު ހޯދާ، އެ ކަމެއް ނައްތާލަން މަސައްކަތްކުރުމެވެ. ޢިމާރާތެއް އެންމެ ފަސޭހައިން ވެއްޓޭނީ، ޢިމާރާތުގެ ބިންގަލަށް ގެއްލުންވުމުންނެވެ. މި ގޮތުގެ މަތިން، ފޯމޯ ޕެރަޑޮކްސް ދިމާވާން މެދުވެރިވާ ކަމަށް އިހު ބަޔާންކުރި ސަބަބުތަކާ ދެކޮޅަށް މަސައްކަތްކުރާށެވެ. އޭރުން މި ކަމުން ސަލާމަތް ވެވޭނެއެވެ. އެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި މި ހިމަނާލަނީއެވެ.

  • އިޖުތިމާޢީ ވިޔުގަތައް ބޭނުންކުރާ ވަޤުތު ކޮންމެވެސް ވަރަކަށް މަދުކުރުން
  • އޮންލައިންކޮށް ދައްކުވައިދޭ ހުރިހައި ކަންކަމަކީ ޙަޤީޤީ ކަންތައް ނޫންކަން ދަނެގަތުން
  • އިޖުތިމާޢީ ވިޔުގަތައް ބޭނުންކުރުމުގައި ބްރޭކްތައް ނެގުން
  • އެހެން މީހުންގެ ޙަޔާތާ މެދު ވިސްނުމުގެ ބަދަލުގައި އަމިއްލަ ޙަޔާތުގެ ކަންކަން ރަނގަޅުކުރުން
  • ޙަޤީޤީ ދިރިއުޅުމުގައި އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ، ސުމޭކު ވަސީލަތްތަކަށް މުޅިން ބަރޯސާނުވުން

Ads by MSS

މި ލިޔުން ކިޔާލުމުން