Ads by Stelco

ޚަބަރު

ކޮންޓެންޓް ކްރިއޭޓަރުންނަށް 5 ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރަނީ!

ކޮންޓެންޓް ކްރިއޭޓަރުންނަށް 5 ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރަނީ!

އިޤުތިޞާދާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، ރާއްޖޭގެ ބައެއް ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވަނީ.

farudhun logo

ފަރުދުން

28 ސެޕްޓެމްބަރު 2025، 05:23

28 ސެޕްޓެމްބަރު 2025، 05:23

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް އަމާޒުކޮށްގެން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ.)އިން ހުޅުވާލައިފިއެވެ. ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ލޯނު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ އިރު، މި ލޯނު ސްކީމުގެ ދަށުން ރަހުނަކާ އެކު 500،000 (ފަސް ލައްކަ) ރުފިޔާ، އަދި ރަހުނަކާ ނުލައި 150،000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާގެ ލޯނު ލިބޭނެ ކަމަށް އެސް.ޑީ.އެފް.ސީ.އިން ހާމަކުރެއެވެ.

މިއީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ އުފެއްދުންތެރި އިޤުތިޞާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމުގެ މަޤުޞަދުގައި ދޭ ލޯނެއް ކަމަށް އެސް.ޑީ.އެފް.ސީ.އިން ބުނެއެވެ. ސުމޭކު އުފެއްދުންތައް (ޑިޖިޓަލް ކޮންޓެންޓް) އުފައްދާ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، ވީޑިއޯގްރާފަރުންނަށް އެ ފަރާތްތަކުގެ ވަސީލަތްތައް އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ އިތުރުން، އާ ފުރުޞަތުތަކެއް މި ލޯނުން ފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އެސްޑީއެފްސީން ބުނީ، އަހަރަކު 9.5 އިންސައްތަ އިންޓަރެސްޓު ރޭޓެއްގައި ދޭ މި ޚިދުމަތުގެ ފައިސާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި، ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ ކަމަށެވެ.

މި ލޯނު ސްކީމުގައި ލިބޭ ފައިސާއިން އިކުއިޕްމަންޓް ގަތުމާއި، އުފެއްދުމުގެ ޚަރަދުތައް ކަވަރުކުރުމާއި، ކްރިއޭޓިވް އެންޓަޕްރައިސަސްތައް ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ވިޔަފާރީގެ އެކި ޚަރަދުތައް ފޫބެއްދޭނެ ކަމަށް އެސް.ޑީ.އެފް.ސީ.އިން ބުނެއެވެ.

އެސް.ޑީ.އެފް.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވީ، އުފެއްދުންތެރި އިޤުތިޞާދަކީ ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެއް ދާއިރާކަމަށާއި، މި ލޯނުގެ މައިގަނޑު ބޭނުމަކީ ދިވެހި އުފެއްދުންތެރީންގެ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ދައްކާލެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މިއީ ހަމައެކަނި ފައިނޭންސިންގ ޕްރޮޑަކްޓެއް ނޫން. މިއީ ކްރިއޭޓިވް ހުނަރާއި އުފެއްދުންތެރިކަމާއި ޤައުމުގެ އިޤުތިޞާދީ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް.

ބަދުރުއްދީން ވިދާޅުވިއެވެ.

އެސް.ޑީ.އެފް.ސީ.ގެ ވެބްސައިޓުން އެމް.އެމް.އީ. ޕޯޓަލަށް ވަދެ، މިހާރު މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން