ދުނިޔެ
ބުއަލޯއީ ތޫފާނާ ގުޅިގެން ވިއެޓްނާމް ހުއްޓުމަކަށް އައިސްފި

ވިއެޓްނާމްގައި ފެންބޮޑުވެފައިވާ ސަރަޙައްދެއް / ފޮޓޯ: އޭއެފްޕީ
ފިލިޕީންސްގެ ބައެއް ހިސާބުތައް ވެސް ހިމެނޭހެން ވިއެޓްނާމްއަށް އެރި ޓައިފޫން ބުއަލޯއީއާ ގުޅިގެން އެ ޤައުމު ހުއްޓުމަކަށް އައިސްފިއެވެ. މި ތޫފާންގައި މީހުން ދިރިއުޅެމުން ދިޔަ ގޭގޭގެ ފުރާޅުތައް ވަޔާ އެއްލާލުމާ ގުޅިގެން، ފިލިޕީންސް އާއި ވިއެޓްނާމުން ވެސް ވަނީ ބާރަވަރަކަށް މީހުން މަރުވެފައެވެ.
މި ތޫފާނާ ގުޅިގެން ފިލިޕީންސްގެ ބޮޑެތި ގަސްތައް މުލުން ލުހި، އަދި ފެން ބޮޑުވުމުގެ ހާދިސާތައް ހިންގާފައިވެއެވެ. އެހެންކަމުން، މި ހާލަތާ ގުޅިގެން 4 ލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ.
ފިލިޕީންސްގެ ސިވިލް ޑިފެންސްގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް 27 މީހުން މި ތޫފާނާ ގުޅިގެން މަރުވެފައިވާކަމަށް ވަނީ ކަށަވަރު ކުރެވިފައެވެ. މީގެ ތެރެއިން އެއް ބަޔަކު، ބޮޑުވި ފެންގަނޑަށް ހިނދިގެން މަރުވިއިރު، އަނެއް ބަޔަކު މަރުވީ ފެންގަނޑާއެކު ދަތުރުކުރި ކުނިބުނީގެ ތެރޭގައި ތާށިވެގެނެވެ.
ސައިންވެރިން ހާމަކޮށްފައިވާ ގޮތުގައި، މި ތޫފާންގެ އަސަރު އަހަރަކަށްފަހު އަހަރެއް ގަދަވަމުން އަންނަނީ، އިންސާނުންގެ އަމަލުތަކާ ގުޅިގެން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކަމަށެވެ.
ބުއަލޯއީ ތޫފާނާ ގުޅިގެން ވިއެޓްނާމްގެ އުސް ހިސާބުތަކުން ބިންގަނޑު ކަހާލައިގެން ގޮސްފައިވެއެވެ. އަދި މި ތޫފާނުގައި ގަޑިއަކު 80 މޭލުގެ ބާރު މިނުގައި ވައިޖެހިފައިވާކަމަށް، އެ ގައުމުގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. މި ހާދިސާތަކުގައި އެ ޤައުމުން 13 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އިތުރު 20 މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ތޫފާންގައި ވިއެޓްނާމްގެ "ހަ ޓިން" ނަމަކަށް ކިޔާ ސަރަޙައްދުގެ 44،200 ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އަދި ގިނަ ގޭގޭގެ ފުރާޅު ވަނީ އެއްލާލާފައެވެ. އަދި ދަނޑުބުންތަކުގެ 6،000 ހެކްޓަރަށް ވަނީ ގެއްލުންލިބިފައެވެ.
މި ހާދިސާތަކާ ގުޅިގެން ވިއެޓްނާމުން 53،000 މީހަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން 4 ޑޮމެސްޓިކް އެއާރޕޯޓާއި، ޤައުމީ ހައިވޭގެ ގިނަ ހިސާބުތައް ހޯމަ ދުވަހުން ފެށިގެން ވަނީ ބަންދުކޮށްފައެވެ. އެއާރޕޯޓުތައް އޮޕަރޭޓުކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި 180 ފްލައިޓެއް ވަނީ ކެންސަލްކޮށްފައި ނޫނީ ޑިލޭކޮށްފައެވެ.
ވިއެޓްނާމަށް މި ތޫފާން އަރާފައިވަނީ، ސުޕަރ ޓައިފޫން ރަގާސާއިން ކުރިމަތިވި ހާލަތުން އަރައިނުގަނެވި އުޅެނިކޮށެވެ. ފިލިޕީންސްގެ އުތުރުގެ ހިސާބުތައް ހިމެނޭހެން ވިއެޓްނާމްއަށް އަހަރަކު އެވަރެޖްކޮށް 20 ތޫފާން އަރައެވެ. އަދި މި ހާދިސާތަކުގައި ކޮންމެ އަހަރަކު މިލިއަނެއްހާ މީހުން އަންނަނީ މަރުވަމުންނެވެ.