Ads by Stelco

ޚަބަރު

އެޗް.އާރް.ސީ.އެމް.ގެ މެންބަރުކަމަށް ކުރީގެ ވަޒީރު ޑރ. ރަމީލާގެ ނަން މަޖިލިހަށް ފޮނުވައިފި

އެޗް.އާރް.ސީ.އެމް.ގެ މެންބަރުކަމަށް ކުރީގެ ވަޒީރު ޑރ. ރަމީލާގެ ނަން މަޖިލިހަށް ފޮނުވައިފި

ކުރީގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ރަމީލާ / ފޮޓޯ: މިހާރު

farudhun logo

ފަރުދުން

02 އޮކްޓޯބަރު 2025، 03:44

02 އޮކްޓޯބަރު 2025، 03:44

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް.)ގެ މެންބަރުކަމަށް ކުރީގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ޢައްޔަނުކުރަން ފެނިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ކަމަނާގެ ނަން، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.

މަޖިލިހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސަތުން މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު އިއްވެވުމަށް ފަހު، ޑރ. ރަމީލާއަށް ރުހުން ދިނުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ދިރާސާކުރަން މަޖިލިހުގެ ހިޔުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

އެޗް.އާރް.ސީ.އެމް.ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޢާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވީ ޑރ. ރަމީލާގެ ނަން އެކަންޏެވެ. 

އެޗް.އާރް.ސީ.އެމް.އަށް އައު މެންބަރަކު ޢައްޔަނުކުރަން ހުޅުވާލީ، އެ ކޮމިޝަނުގެ މެންބަރެއް ކަމުގައިވާ މަރްޔަމް މުނާގެ މެންބަރުކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ހަމަވާނެތީއެވެ.  

ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރުގެ މަޤާމުން ޑރ. ރަމީލާ އިސްތިޢުފާ ދެއްވީ، މި ދިޔަ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުގައެވެ.

ޑރ. ޢާއިޝަތު ރަމީލާ، ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެއްޓެވީ، 1990ވަނަ އަހަރު، ނަރުހެއްގެ ގޮތުގައެވެ. އެއަށް ފަހު، ފާއިތުވެ ދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ ދާއިރާގައި ވެސް އެ ކަމަނާގެ ޚިދުމަތް ދިވެހި ވަޠަނަށް ދިޔައީ ލިބެމުންނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި، 2010ވަނަ އަހަރު އެ ކަމަނާ ވަނީ، ސޯޝަލް ސަޔެންސްގެ ދާއިރާއިން މެލޭޝިޔާގައި ޕީ.އެޗް.ޑީ. ޙާޞިލުކުރައްވާފައެވެ.

ޑރ. ޢާއިޝަތު ރަމީލާ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް ފެމެލީގެ މަޤާމު ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ ޢައްޔަނުކުރެއްވީ ނޮވެމްބަރ 17، 2023ވަނަ ދުވަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ އެ މަނިކުފާނު ފުރިހަމަ ކުރެއްވުމަށް ފަހު، އެ ރޭގެ ވަޤުތެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން