Ads by Stelco

ޚަބަރު

ވޭޕުގެ މައްސަލަތަކުގައި މި ދިޔަ މަހު ޖުމުލަ އެއް ލައްކަ ރުފިޔާގެ ޖޫރިމަނާ!

ވޭޕުގެ މައްސަލަތަކުގައި މި ދިޔަ މަހު ޖުމުލަ އެއް ލައްކަ ރުފިޔާގެ ޖޫރިމަނާ!

ފުލުހުން ހޯދާފައިވާ ބައެއް ވޭޕާއި، މަސްތުވާ ތަކެއްޗާއި، ރާއްޖެ އެތެރެކުރުން މަނާ ތަކެތި.

farudhun logo

ފަރުދުން

02 އޮކްޓޯބަރު 2025، 04:26

02 އޮކްޓޯބަރު 2025، 04:26

ވޭޕްގެ އެކި މައްސަލަތަކުގައި މި ދިޔަ ސެޕްޓެންބަރު މަހު 24 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ދިޔަ މަހު ވޭޕާ ގުޅުން ހުރި 13 މައްސަލައެއް ރެކޯޑުކުރެވިފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ޝާއިޢުކޮށްފައިވާ ސެޕްޓެންބަރު މަހުގެ ވޭޕާ ގުޅޭ މައްސަލަތަކުގެ ތަފާސް ޙިސާބުތަކުން ދައްކާ ގޮތުގައި، ރިޕޯޓުކުރި 13 މައްސަލައިގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕާއި އެ ފަދަ އާލާތްތައް ގެންގުޅުމުގެ 6 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 3 މައްސަލައެއްގެ އިތުރުން، ވޭޕާ ގުޅޭ އެހެނިހެން 4 މައްސަލައެއް ހިމެނެއެވެ.

ތަފަސް ޙިސާބުތަކުން ހާމަވާ ގޮތުގައި، ވޭޕާ ގުޅޭ މައްސަލަތަކުގައި މި ދިޔަ މަހު 24 މީހަކުވަނީ ޖޫރިމަނާކޮށްފައެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 136،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނުކަމުގެ 10 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ 41،000 ރުފިޔާ ހިމެނޭ ކަމަށް އެ ޙިސާބުތަކުގައި ވެއެވެ. އަދި ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން 14 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި 95،500 ނަގާފަިއވާ ކަމަށް ވެސް ފުލުހުން ވަނީ ޢާންމުކޮށްފައެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި، ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށްވަނީ އިޞްލާޙު ގެނެސްފައެވެ. އަދި މީގެ އިތުރުން، މި ދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.

މިއާ އެކު، މި ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކާ މެދު މި ޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެ ގޮތުން، ވޭޕްގެ ބާވަތްތަކާއި އެއާ އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ވެސް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފި ނަމަ ނުވަތަ ހިލޭ ދީފި ނަމަ، އެ ފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް، 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ. ވީމާ، ޤާނޫނަށް ޢާންމުން ހޭލުންތެރިވެ، އެފަދަ ޤާނޫނީ ކުށްތަކުން ދުރުހެލިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން