ޚަބަރު
އަންނަން އޮތް ޖީލުތަކަށް ރިވެތި ޚުލްޤާއި ހެޔޮ ސިފަތަށް ވާރުތަކޮށްދިނުމަށް އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ މުދައްރިސުން: ތަޢުލީމީ ވަޒީރު

ތަޢުލީމީ ވަޒީރު އިސްމާޢިލް ޝަފީޢު

ފަރުދުން
05 އޮކްޓޯބަރު 2025، 10:41
05 އޮކްޓޯބަރު 2025، 10:41
އަންނަން އޮތް ޖީލުތަކަށް ރިވެތި ޚުލްޤާއި ހެޔޮ ސިފަތަށް ވާރުތަކޮށްދިނުމަށް އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ މުދައްރިސުން ކަމަށް ތަޢުލީމީ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ދެއްވި ވީޑިއޯ މެސެޖެއްގައި ވަޒީރު ވިދާޅުވީ މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިން ކަމުގައެވެ. އެގޮތުން، އަންނަން އޮތް ޖީލު ތަކަށް ހުނަރާއި، ރިވެތި ޚުލްގާއި، އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއާއެކު، އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި، ޝަރަފުވެރި، ޢިއްޒަތްތެރި ބަޔަކު ނުތިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރު ކަމުގައިވާ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" ގައި ފާހަގަ ކޮށްފައިވާ ފަދައިން މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ދެއްވާ ޚާއްސަ މެސެޖް pic.twitter.com/DeKzGeiMtd
— Ministry of Education (@MoEdumv) October 5, 2025
އަދި މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމާއި ކުރިއެރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ފަންނީ ބޭފުޅުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދީ، ފަންނީ ގާބިލުކަން އިތުރުކޮށްދީ ގުޅުންތަށް ވަރުުގަދަކޮށް ކުރިއެރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުގެ ވީޑިއޯ މެސެޖުގައި އެންމެހާ މުދައްރިސުންނަށް މިދުވަހުގެ ހެޔޮދުޢާ، ތަހުނިޔާ ފޮނުއްވާފައި ވެއެވެ.