ރިޕޯޓް
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް: ތަޢުލީމީ ބިންގާ ބިނާކުރާ ބަޠަލުން

މުދައްރިސުންތަކެއް/ފޮޓޯ: އެޑިޝަން އެމްވީ
މިއަދަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހެވެ. މި ދުވަހަކީ މުޅި ދުނިޔޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުދައްރިސުންގެ އިޙުތިރާމާއި ޤަދަރު އަދާކޮށް، އެ ބޭފުޅުންގެ އަގުނުކުރެވޭނެ ޚިދުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ތަޢުލީމު ދިނުމުގައި މުދައްރިސުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލުމާއި، އެ ބޭފުޅުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޤުރުބާނީތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މުދައްރިސުންނަކީ ދުނިޔޭގެ މުސްތަޤްބަލު ބިނާކުރާ މުހިންމު މޭސްތިރިން ކަމަށްވާއިރު، މި ދުވަހަކީ އެ ބޭފުޅުންގެ ޙައްޤުތައް ދިފާޢުކޮށް، ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ދިނުމުގެ ފުރުޞަތެކެވެ. މިއަދު މުދައްރިސުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު މި އަހަރުގެ ޝިއާރަކަށް ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" މިއެވެ. މި ޝިއާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.
ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނަކީ، ގިނަ ގޮންޖެހުންތަކާއި ޤުރުބާނީތަކާއެކު މަސައްކަތްކުރާ ބަޔެކެވެ. ދަރިވަރުންގެ ތަފާތު ބޭނުންތަކާއި އެކި ޤާބިލުކަން ހުންނަ ދަރިވަރުންނަށް އެކަށޭނެ ގޮތެއްގައި ކިޔަވައިދިނުމަކީ ބޮޑު ގޮންޖެހުމެކެވެ. މީގެ އިތުރުން، އާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، ދުނިޔޭގެ ބަދަލުވަމުންދާ ކިޔަވައިދިނުމުގެ އުޞޫލުތަކާ އެއްގޮތަށް ކިޔަވައިދިނުމަށް ތައްޔާރުވެފައި ތިބެންޖެހެއެވެ.
ބައެއްފަހަރު ދިމާވާ ވަޞީލަތްތަކުގެ ދަތިކަމާއި، މާލީ ދަތިކަންފަދަ ކަންކަންވެސް މުދައްރިސުންނަށް ކުރިމަތިވެއެވެ. މިހުރިހާ ގޮންޖެހުންތަކެއްގެ ތެރެއިން ވެސް، ދަރިވަރުންނަށް އެންމެ ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި މުދައްރިސުން ވަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެބޭފުޅުންގެ ވަޤުތާއި ހިތްވަރު ޤުރުބާންކޮށް، ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމަށް އަބަދު ވެސް މަސައްކަތްކުރެއެވެ.
ދިވެހިރާއްޖޭގައި މުދައްރިސުންގެ ދައުރަކީ ޤައުމީ ތަރައްޤީގެ މައި އެއް ބިންގަލެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ތަޢުލީމީ ހިދުމަތް ފޯރުކޮށްދިނުމުގައި މުދައްރިސުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ޤައުމުގެ އިންސާނީ ވަޞީލަތްތައް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު މުހިންމުވެފައިވާއިރު، މިކަން ދިވެހި ސަރުކާރުން ވެސް ވަރަށް ބޮޑަށް ބަލައިގަނެއެވެ. އަދުގެ ސަރުކާރުން ވަނީ މުދައްރިސުންނަށް ދެވޭ އަހަންމިއްޔަތު އިތުރުކޮށް، އެބޭފުޅުންގެ މުސާރަ އިތުރުކުރުމާއި، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހަމަ އެހެންމެ، މުދައްރިސުން ތަމްރީނުކުރުމާއި، އެބޭފުޅުންގެ ފެންވަރު މަތިކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގައި، އެފަދަ ކަންކަމަށް ފުރުޞަތުތައް ފަހިކޮށްދީފައިވެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރާއިރު، ރާއްޖޭގައި ކިޔަވައިދޭ ބިދޭސީ މުދައްރިސުންގެ ދައުރު ވެސް ފާހަގަކޮށްލަންޖެހެއެވެ. ޤައުމީ ތަޢުލީމީ ނިޒާމަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު ހަމަނުވާ ދާއިރާތަކުންނާއި، ޚާއްޞަ މާއްދާތަކުން ބޭރުގެ މުދައްރިސުންގެ ޚިދުމަތްތަކަކީ ވަރަށް މުހިންމު ކަންތައްތަކެކެވެ. އެބޭފުޅުންގެ ތަޖުރިބާއާއި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ރާއްޖޭގެ ތަޢުލީމީ ފެންވަރާއި މިޤައުމުގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެކެވެ.
މުދައްރިސުންނަކީ ދާއިމީ ތަމްރީނާއި ތަރައްޤީގެ ތެރެއިން ކުރިއަރަމުންދާ ބަޔަކަށް ވާންޖެހެއެވެ. އެކި ދާއިރާތަކުން މުދައްރިސުން ތަމްރީނުވާން ޖެހޭއިރު، ޚާއްޞަގޮތެއްގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ދާއިރާއިން، މުދައްރިސުން ތަމްރީނުކުރުމަކީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ދަރިވަރުންނަށް އެންމެ އެކަށޭނެ ތަޢުލީމެއް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު ކަމެކެވެ.
ދަރިވަރުންނާއި މުދައްރިސުންގެ ގާތް ގުޅުމަކީ، ތަޢުލީމީ ކާމިޔާބީގެ މުހިންމު އެއް ބާބެވެ. މުދައްރިސުންނަކީ ހަމައެކަނި މައުލޫމާތު ދޭ ބައެއް ނޫނެވެ. އެ ބޭފުޅުންނަކީ ދަރިވަރުންނަށް މަގު ދައްކައިދޭ، ހިތްވަރުދޭ، އަދި ދަރިވަރުންގެ ހުރިހާ ކަމެއްގައިވެސް އެހީތެރިވާ ބަޔެކެވެ. ޕްރީ ސްކޫލުން ފެށިގެން ކޮލެޖު ދައުރާ ހަމައަށްވެސް މުދައްރިސުންގެ ހިތްވަރުގަދަ މިންނެތް މަސައްކަތް ފެނިގެންދެއެވެ. ކުޑަކުދިންނަށް އަކުރު އުނގަންނައިދިނުމުން ފެށިގެން، ބޮޑެތި ޢިލްމުތައް ދަސްކޮށްދީ، މުޖުތަމަޢަށް ނިކުންނަން ތައްޔާރުކުރުމުގައި މުދައްރިސުންގެ ދައުރަކީ ދެވަނައެއް ނެތް ދައުރެކެވެ. އެބޭފުޅުންގެ ޚިދުމަތްތަކުގެ ސަބަބުން ދަރިވަރުންގެ ހުނަރުތައް ތަރައްޤީވެ، ޤާބިލު މީހުންނަށް ވެގެންދެއެވެ.
އެހެންކަމުން، ބައިނަލްއަޤްވާމީ މުދައްރިސުންގެ މި ދުވަހު، އަޅުގަނޑުމެން އެންމެންވެސް މުދައްރިސުންނަށް ޝުކުރުވެރިވެ، އެ ބޭފުޅުންގެ ޤުރުބާނީތަކާއި މިންނެތް މަސައްކަތްތައް ފާހަގަކޮށް، އެ ބޭފުޅުންނަށް ދެވޭ އެހީތެރިކަން އިތުރުކުރުމަށް ގޮވާލަމެވެ. މުދައްރިސުންނަކީ މުސްތަޤްބަލުގެ އުއްމީދުތަކަށް އަލިކަން ގެނެސްދީ، ތަޢުލީމީ ބިންގާ ބިނާކުރާ ހިތްވަރުގަދަ ބަޠަލުންނެވެ.