ކޮލަމް
ބެލެނިވެރިއެއްގެ ގަލަމުން

މީހަކު ގަލަމުން ލިޔަނީ، ފޮޓޯ: އިންޓަނެޓް
އިއްޔެއަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. މި ދުވަހަކީ މުދައްރިސުންކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ޚާއްޞަވެފައި އޮންނަ ދުވަހެކެވެ.
ކާޑު ތަކުންނާއި މެސެޖުތަކުން ދުވަހުގެ ތަޙުނިޔާ ދަރިވަރުން މުދައްރިސުންނަށް ފޮނުވާއިރު، ސްކޫލްތަކުގެ ފަރާތުން އާންމު ގޮތެއްގައި މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދެއެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ، މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް އޮތް މުދައްރިސުންގެ ޑިނަރ ނައިޓެއްގައި ބެލެނިވެރިއަކު މުދައްރިސުންނަށް ޚިއްޞާކުރި ޖަޒުބާތީ މެސެޖެކެވެ.
"އަހަރެންގެ ޅަ ދުވަހަށް ޖެހިލާއިރު، އެ އިރަކީ ޕްރީސްކޫލް ތަޢުލީމު އޮންނަ ދުވަސްވަރެއް ނޫންކަމުން، ތަޢުލީމީ ހަޔާތުގެ ފުރަތަމަ މަރުހަލާ ފެށުނީ ގޭތެރެއިންނެވެ. ދުނިޔޭގެ ދިރިއުޅުމަކީ ކޮބައިކަމާއި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދާނެ ގޮތާއި، އަބާއްޖަވެރިއަކަށް ވާނެ ގޮތާއި އަދި އީމާންކަމާއި އިސްލާމްކަމުގެ ފިލާވަޅުތައް އެންމެ ފުރަތަމަ އޮޅުންފިލުވައިދިނީ މަންމަ އާއި ބައްޕަގެ އިތުރުން ދޮށްޓަށް ތިބި ދައްތަމެންނާއި ބޭބެމެންނެވެ.
އެއަށްފަހު ދެން އައީ މަދަރުސީ ތަޢުލީމުގެ މަރުހަލާއެވެ. އެ މަރުހަލާގެ ބައިވެރިންނަކީ ލޮބުވެތި މުދައްރިސުންނެވެ. އެއީ ތުއްތު ކުއްޖެއްގެ ގޮތުގައި ސްކޫލުގެ ގޭޓުން އެންމެ ފުރަތަމަ އަހަރެން ގޮސް ވަތް ދުވަހު، ބޭއިޙްތިޔާރުގައި އަހަރެންނަށް ކުރެވުނު އިޙުސާސްތަކާ ދިމާ އިދިކޮޅު ރައްކާތެރިކަމަކާއި، ލޯތްބާއި، އޯގާތެރިކަން ފޯރުކޮށްދިން ހިޔާވައްސެވެ. އެއީ ރީތި ހުދު ޔުނީފޯމަކާއި އައު ބޫޓަކަށް އަރައިގެން ފެންވަރާ ތިއްތިވެގެން ދެވޭ ތަނެއްކަމުން، އަހަރެން ހިތާ ރޫޙުން އެ ދުވަހަށް އިންތިޒާރުކޮށްގެން ހުރި ނަމަވެސް، އެ ދުވަހު ބިރުގަތީ އެއީ ކޮންބައެއްކަން އަހަރެންނަށް ނޭންގޭ ބައެއްގެ ތެރެއަށް، މަންމަމެން އަހަރެން ދޫކޮށްލާފައި ދިއުމުންނެވެ. ނަމަވެސް އެ ނުތަނަވަސްކަން ބަދަލުވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ. އެކަމުގެ ފަރުވާލަކަށްވީ މުދައްރިސުންގެ އަޅާލުމާއި އޯގާތެރިކަމެވެ. އެ މުދައްރިސުންގެ ފަރާތުން އަހަރެންނަށް ލިބެން ފެށީ، އުއްމީދުކުރި މިންވަރަށް ވުރެ މާ ބޮޑު އެހީތެރިކަމެކެވެ. އެ ހިޔާވަހީގައި އެ މީހުން އަހަރެން ބަލަހައްޓާ އުނގަންނައިދިނީ، އެއީ އަހަރެންގެ މައިން ބަފައިން ފަދައިންނެވެ.
މަދަރުސީ ތަޢުލީމުގެ މައިގަނޑު އާލަތްތަކަކީ ފޮތްތައް ކަމުގައިވިޔަސް، މުދައްރިސުންގެ ފަރާތުން ލިބުނު އެންމެ އަގުހުރި ފިލާވަޅުތަކަކީ ތަޢުލީމީ ސިލަބަހުގައި ލިޔެފައި ނެތް ފިލާވަޅުތަކެކެވެ. އެ ފިލާވަޅުތަކަކީ އެ މީހުގެ އުޅުމާއި، އުސޫލުތަކުން އަހަރެން ދަސްކުރި ކަންތައްތަކެވެ. އެ ފިލާވަޅުތަކުގެ ފައިދާ އަހަރެންނަށް އެންމެ ބޮޑަށް ކުރަން ފެށީ ތަޢުލީމީ ހަޔާތް ނިމި، ދިރިއުޅުމުގެ ހަޤީޤީ ދަތުރަށް ފެށި ހިސާބުންނެވެ. އެއީ ދިރިއުޅުމުގެ މިނިވަންކަން ލިއްބައިދިނުމަށް އެހީތެރިވެދިން، ދަރާއި، ފެނާއި، ކޮއްތު ކަމުގައި ވިއެވެ. އެ ތަކެއްޗާއި ނުލައި މި ދަތުރަށް ފަށަން އަހަރެން ފަސް ޖެހުނީސްކަން ޔަޤީނެވެ.
މަދަރުސީ ދައުރުގެ އެ ހަޔާތައް އަލްވަދާއުކީތާ 15 ވަރަކަށް އަހަރު ފަހަތަށް ޖެހިލާއިރު، މިއަދު އަހަރެންނަކީ ފޮނި ހުވަފެންތަކެއް ދެކެމުންދާ ބެލެނިވެރިއަކީމެވެ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ މަދަރުސީ ދަޢުރު ފެށުނީ މި އަހަރެވެ. މިހާރު އަހަރެންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ، އަހަރެންގެ ހަށިގަނޑުގެ އެއްބައިފަދަ، އެ ދަރިފުޅާއެވެ. އޭނާގެ ދިރިއުޅަމަށް އަހަރެން ކުރަނީ ފޮނި އުއްމީދުތަކެކެވެ. އެ އުއްމީދުގައި ގޮސް އެ ދަރިފުޅު މަދަރުސާގެ ގޯތިތެރެއަށް ވެއްދުމަށްފަހު އޭނާގެ އަތުން ދޫކޮށްލާފައި ގެއަށް އަންނަނީ، އޭނާއަށް އެކަނި ގޮސް ކްލާހަށް ވަންނަން އެނގޭނެ ކަމުގެ ޔަޤީންކަން އޮންނާތީ އެކަންޏެއް ނޫނެވެ. ނަމަވެސް، ދިރިއުޅުމުގެ ދަތުރުގައި ބޭނުންވާ ގިނަކަންތައްތަކެއް، މުދައްރިސުންގެ ފުށުން، މަދަރުސާގެ އެ މާހައުލުން ދަސްވާނެކަމުގެ ޔަޤީންކަން އަހަރެންގެ އޮތީތީއެވެ.
އެ ޔަޤީންކަން އަހަރެން ހޯދީ، އަހަރެންގެ ޅަ ދުވަހު ކުރެވުނު އިޙުސާސްތަކާއި ތަޖުރިބާތަކުން މަދަރުސީ ހަޔާތަށް ލިބިފައި އޮތް އިތުބާރުގެ ތެރެއިންނެވެ. އެ އިތުބާރަކީ، އެ ދުވަހު ތުއްތު ކުއްޖެއްގެ ގޮތުގައި އަހަރެންނަށް ކުރެވުނު އިޙުސާސްތަކުގެ އިތުރުން، އެ އިރަށް ވުރެ މާބޮޑަށް ބެލެނިވެރިންނަށް ކަންކަން މޮނިޓަރކޮށް ބެލެހެއްޓޭނެ ގިނަ ގޮތްތަކަކާއެކު މިހާރުގެ ނިޒާމު ބައްޓަންވެފައި އޮތުމުން ލިބޭ އިތުބާރެކެވެ.
ތަޢުލީމީ ދުނިޔޭގައި ތިޔަ މުދައްރިސުންނަކީ އަހަރެންގެ ދަރިފުޅުގެ މައިންބަފައިންނެވެ. އަދި މަދަރުސާގައި ދަރިވަރުންނަކީ މުދައްރިސުން އެ މީހުންގެ އަމިއްލަ ދަރިން ފަދައިން އޯގާތެރިވާންޖެހޭ ބައެއްކަމުން، އެ ޒިންމާ ވަރަށް ރަނގަޅަށް ތިޔަ މުދައްރިސުން ނަގަމުންދާ ކަމުގެ އިޙުސާސް އަހަރެންނަށް ކުރެވެއެވެ. އެއީ މަދަރުސާއިން ގެއަށް އައިސް، ދަރިފުޅު ދައްކާ ވާހަކައިންނާއި، ދިރިއުޅުމުގެ ހަމަތައް އެ ދަރިފުޅަށް އެނގެމުންދާ މިންވަރު ފެންނަން ފަށާފައިވުމުންނެވެ.
ލޮބުވެތި މުދައްރިސުންނޭވެ! ކްލާސް ރޫމުގެ ހަތަރު ބިތުގެ ތެރެއިން ދަރިވަރުންނަށް ތިޔަ ދަސްކޮށްދެނީ، ދުނިޔޭގެ ހަތަރު ބިތުންކުރެ ކޮންމެ ބިތެއްގައި އުޅެން ޖެހުނަސް، އެކަމާ ކުރިމަތިލާން ތައްޔާރުވާނެ ގޮތެވެ. ތިޔައީ ބުރަ މަސައްކަތެކެވެ. ބޮޑު ޒިންމާއެކެވެ. ތިޔަކަމުން ހެޔޮ ދަރުމަ ލިބޭނެކަން ދަންނާށެވެ."