ޚަބަރު
ދިއްދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

އ.ދ. ދިއްދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު / ތަޞްވީރު: ރައީސް އޮފީސް

ފަރުދުން
06 އޮކްޓޯބަރު 2025، 04:30
06 އޮކްޓޯބަރު 2025، 04:30
އަރިއަތޮޅު ދެކުނުބުރީ ދިއްދޫގައި ހުންނަ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އ.ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިއްދުއަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ބިންގައު އަޅުއްވައިދެއްވައި، ޢިމާރާތް ބިނާކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައިދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ދަނގެތީ ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދާއި، ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން ޢަބްދުﷲއެވެ.
ދިއްދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އާއެވެ. މި މަޝްރޫޢުގެ ތެރޭގައި 4،600 އަކަފޫޓުގެ ސަރަޙައްދެއްގައި ޢިމާރާތްކުރުމާއި، ވަށާ ފާރު ރޭނުމާއި، ޕޯޓިކޯއެއް ހެދުމުގެ މަސައްކަތް ހިމެނިގެން ވެއެވެ. 13 މިލިޔަން ރުފިޔާއަށް ޙަވާލުކޮށްފައިވާ މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 9 މަސް ދުވަހެވެ.
މި ޢިމާރަތަކީ ދިއްދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅައުކުރުމަށް މަގުފަހިވެގެންދާނެ ޢިމާރާތެކެވެ.