ޚަބަރު
ޑްރަގް ޕްރިވަލަންސް ސަރވޭ: ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ހުރިހައި ބާވަތެއް ދެނެގަނެވޭނެ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު.

ފަރުދުން
07 އޮކްޓޯބަރު 2025، 02:52
07 އޮކްޓޯބަރު 2025، 02:52
މިހާރު ކުރިއަށްދާ ޑްރަގް ޕްރިވަލަންސް ސަރވޭއާ އެކު، ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެއްޗާ ގުޅޭ ފުރިހަމަ މަޢުލޫމާތު ލިބިގެންދާނޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ މަސްތުވާކެތީގެ ޙާލަތާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށް ޑްރަގް ޕްރިވަލަންސް ސަރވޭއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި ސަރވޭ ހެދުމަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް، ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، މި ސަރވޭ ހެދުމަށް އެކުވެރި ދައުލަތްތަކުގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ.)ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ދާޚިލީ ވަޒީރު ޢަލީ އިޙުސާންގެ ވާހަކަފުޅުގައި ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ޞިއްޙީ ނުރަނގަޅު ޢާދަތަކެއް އަށަގެންފައިވާ ބަޔަކަށްވުމުގެ ސަބަބުން، ގައިންގަޔަށް އަރާ ބަލިތަކާއި، އެ ނޫން ވެސް ބަލިތައް އެ މީހުންގެ ފަރާތުން ފެތުރުމުގެ ނުރައްކައު ވަރަށް ވެސް ބޮޑު ކަމަށެވެ. ވީމާ، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އެ ފަދަ ބަލި މީހުން ދެނެގަނެވުމާ އެކު، އައި.ޖީ.އެމް.އެޗް.އާއި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާ އެކު އެ މީހުންގެ ޢާއިލާތަކާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުން ދާނެއެވެ.
އެ ފަދަ ބަލި މީހުންނަށް ފަރުވާ ދިނުމަށް އެން.ޑީ.އޭ.އިން ގެންގުޅޭ ސިޔާސަތަކީ، އެ މީހުންގެ ސައިކޭޓްރިކް އިވެލިޔުއޭޝަން ހަދައި، ސައިކޭޓްރިކް ފަރުވާއާއި ސިމްޕްޓޮމެޓިކް މެޑިކަލް ޓްރީޓްމަންޓުގެ ގޮތުގައި ދޭން ޖެހޭ ފަރުވާއާ އެކު ފަރުވާގެ ޕްލޭން ހަދައި، އެ ޕްލޭނާ އެއް ގޮތަށް ފަރުވާ ދެމުން ގެންދިއުން ކަމަށް ވެސް ވަޒީރު ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ފަދައިން، އެން.ޑީ.އޭ.އިން ރިސަރޗް އެނަލިސިސް ހެދުމަށްޓަކައި ޕާޓީ ޑްރަގް ބޭނުންކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުން ހުރި މިންވަރު ދެނެގަތުމަށްޓަކައި ޑޭޓާ ނެގުމުގެ މަސައްކަތް ވެސް ކުރާން ވަނީ ފަށާފައެވެ.
މިހާރު ކުރިއަށްގެންދާ ޑްރަގް ޕްރިވަލަންސް ސަރވޭގައި އެން.ޑީ.އޭ.އިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމަންޓުތަކުންނާއި، ޓެސްޓްކުރެވޭ ކުޑަކަމުދާތަކެތީގެ ރިޕޯޓުތަކުން ޑޭޓާ އެއްކުރާ ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކުގެ ކުޑަކަމުދާތަކެތި ޓެސްޓުކޮށްގެން ލިބޭ ރިޕޯޓުތައް އެ މުއައްސަސާއިން އެން.ޑީ.އޭ.އާ ޙިއްޞާކުރަމުންދާ ކަން ވެސް ވަޒީރުގެ ޖަވާބުގައި ވެއެވެ.
މި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެން.ޑީ.އޭ.އަށް ދެނެގަނެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިޙުސާން ވިދާޅުވީ، މިހާރު ކުރިއަށްދާ ޑްރަގް ޕްރިވަލަންސް ސަރވޭ ނިމުމުން، ރާއްޖޭގެ ހުރިހައި ޙިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި އެ ތަކެތި ބޭނުންކުރާ ގޮތްތަކުގެ ފުރިހަމަަ ތަފްޞީލު ހާމަވެގެން ދާނެ ކަމަށެވެ.