ޚަބަރު
އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް، އާރުޑީސީން ފަށައިފިއެވެ.
މި މަސައްކަތް އާރުޑީސީން ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި، މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤު، އަދި މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު ޢަލީ ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
އާރުޑީސީ އަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކުރަމުންދާ ކުންފުންޏެކެވެ. ޒަމާނީ ފެންވަރަށް މަގުހެދުން ފަދަ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުން ލިބިފައިވެއެވެ.
މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.