ޚަބަރު
މަހިބަދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މަހިބަދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރުން---

ފަރުދުން
07 އޮކްޓޯބަރު 2025، 10:34
07 އޮކްޓޯބަރު 2025، 10:34
އދ. މަހިބަދޫގައި ވޭސްޓް މެނޭޖުމެންޓް ކޮމްޕެނީ (ވެމްކޯ)ގެ ޚިދުމަތް ފެށުމުގެ ގޮތުން، އެ ރަށު ކައުންސިލާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، މަހިބަދޫ ރައްޔިތުންނާ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައެވެ.
މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލްއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް، ރަޝާދު ޢަލީއެވެ.
މަހިބަދޫގައި ވެމްކޯގެ ޚިދުމަތް ފެށުމާއެކު، އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މަހިބަދޫގައި މިރޭ އޮތް ޖަލްސާގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލްސް ލެބޯޓްރީ ރިފަރބިޝްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވެއެވެ.
މީގެ އިތުރުން އދ. މަހިބަދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވެސް ވަނީ މިރޭ ފަށާފައެވެ. މިއާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅު މިވަނީ ތަންފީޒުކޮށް ނިމިފައެވެ.