ޚަބަރު
ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ރިޔާސަތު ތިން އަހަރުގެ ދައުރަށް ދިވެހިރާއްޖެއަށް!

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން ފޮޓޯ: ޕީއެސްއެމް
ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ރީޖަންގެ ރިޔާސަތު، ކުރިއަށް އޮތް ތިން އަހަރުގެ ދައުރަށް ބަލަހައްޓާ ޤައުމަކަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފިއެވެ. މި މަޤާމަށް ރާއްޖެ އިންތިޚާބުކުރެވުނީ ބާބަޑޯސްގައި ބޭއްވުނު ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ މުހިންމު ބައްދަލުވުމެއްގައެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި ޝަރަފުވެރި މަޤާމު އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމްއެވެ. އެމަނިކުފާނުގެ މި ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައެވެ.
މި މަޤާމު ރާއްޖެއަށް ލިބިފައިވަނީ މިހާރު އެ ދައުރު އަދާކުރަމުން އައި ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެންނެވެ. ސީޕީއޭގެ ހިންގާ ގަވާއިދުގެ ދަށުން މި ދައުރަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝްއެވެ. ނަމަވެސް، މިވަގުތު އެ ޤައުމުގައި އިންތިޚާބުކޮށްފައިވާ ޕާލިމެންޓެއް ނެތުމާއި، އެ މަޤާމު އަދާކުރުމަށް ބަންގްލަދޭޝަށް ހުރަސްތައް ކުރިމަތިވުމާ ގުޅިގެން، ދިވެހިރާއްޖެ މި ދައުރަށް އިންތިޚާބުކުރީކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.
ދިވެހިރާއްޖެ މި މުހިންމު މަޤާމަށް އިންތިޚާބުވުމަކީ، ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރާއި، އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަމުގެ އަލިގަދަ ހެއްކެކެވެ.
ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ އެންމެ ހީވާގި، ހިންގުންތެރި އަދި ގިނަ ދުވަސްވީ ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި 180 އަށްވުރެ ގިނަ ޕާލިމެންޓުތަކާއި ސަރަޙައްދީ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނެއެވެ. ސީޕީއޭގެ އޭޝިއާ ސަރަހައްދުގެ ދާއިމީ މަރުކަޒު ހުންނަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.