Ads by Stelco

ޚަބަރު

އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕޭނެއް ފަށާނަން : ތައުލީމީ ވަޒީރު

އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕޭނެއް ފަށާނަން : ތައުލީމީ ވަޒީރު

ޕްރިންސިޕަލުންގެ މަހާސިންތާ ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޮކްޓޯބަރު 2025، 11:41

11 އޮކްޓޯބަރު 2025، 11:41

ތަޢުލީމީ ދާއިރާގައި ފަންނީ ގޮތުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ފައްޓަވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މާލޭގައި ކުރިއަށްދާ ޕްރިންސިޕަލުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި، މި ކެމްޕޭނުގެ ދަށުން މުދައްރިސުންނަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށް ދޭންޖެހޭ ތަމްރީންތައް ލިބޭނެއެވެ. ޚާއްސަކޮށް، އަންނަ އަހަރުގެ ރޯދަމަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތެއް ހިމަނާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، އުނގެނުމުގެ މަތީގައި ދެމިތިބޭ، ވިސްނާ ފިކުރުކުރާ ޒުވާނުންތަކެއް ބިނާކުރުމެވެ.

ތައުލީމީ ވަޒީރު ވަނީ މުދައްރިސުންގެ ދުޅަހެޔޮކަމާއި ތައުލީމީ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މުދައްރިސުންނަށް ތަފާތު އެކި ތަމްރީނުތައް ދިނުމާއި މަސައްކަތްތައް ލުއިފަސޭހަކުރުމަށްވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މުދައްރިސުންގެ ހުނަރުތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތެއް ކުރިއަށްވެސް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދިރިއުޅުމާއި ދޭތެރޭ ވިސްނާ، ދުނިޔޭގައި ހިނގާ ކަންކަމާމެދު ފިކުރުކުރާ، އުފެންދުންތެރި ކުދިންތަކެއް ބިނާ ކުރެވޭނީ ފަންނީ ގޮތުން މުދައްރިސުންގެ ޤާބިލްކަން އިތުރުކުރެވޭ މިންވަރަކުން ކަމަށެވެ. މިކަންކުރެވޭނީ ކަރިކިއުލަމަށް ބަދަލު ގެނެސްގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކަރިކިއުލަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އޭގެ މެޕިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ކޮންޓެންޓު ރިވިޝަންގެ ބޮޑު މަސައްކަތްތަކެއް އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވި ގޮތުގައި، މަދަރުސާތަކުގައި ތައުލީމު ފޯރުކޮށްދެނީ އިސްލާމްދީން ދެކެ ލޯބިވާ، ޤައުމުދެކެ ލޯބިވާ ދަރިވަރުންތަކެއް ބިނާކުރުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ މުހިންމު އިސްކަމެއް ދެއްވާ އެއްކަމަކީ ސިކުނޑިތައް ތަރައްޤީކޮށް ވިސްނާ ޤައުމުދެކެ ލޯބިވާ ރައްޔިތެއް އުފެއްދުންކަން ތަކުރާރުކުރައްވަމުން، ތައުލީމީ ނިޒާމުގެ ތެރެއިންވެސް ދިރިއުޅުމަށް ތައްޔާރުވާ ކުއްޖަކު ތައްޔާރުކުރުމުގައި ބޮޑަށް ވިސްނަންވީ ފިކުރުކުރާ ބިނާކުރަނިވި ކުއްޖަކު އުފެއްދުމަށްކަމަށް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން