ޚަބަރު
ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން ކޮންފަރެންސްގައި މަޖިލީހުގެ ނައިބު ރައީސް ތަޤްރީރުކުރައްވައިފި

ތަޤްރީރުކުރެއްވުން/ފޮޓޯ: މަޖިލިސް
ބާބަޑޯސްގައި މިހާރު ކުރިއަށްދާ 68 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ތަޤްރީރުކުރައްވައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ ތަޤްރީރުގައި ވަނީ، ޑިމޮކްރަސީއާއި ހެޔޮ ވެރިކަމާއި ދުނިޔޭގެ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމުގައި ކޮމަންވެލްތާއެކު ދިވެހިރާއްޖެއިން އޮތް ގުޅުން ފާހަގަކުރައްވާފައެވެ.
މި ތަޤްރީރުގައި، "ދަ ކޮމަންވެލްތު: އަ ގްލޯބަލް ޕާޓްނަރ" މި ޝިއާރުގެ ދަށުން ވާހަކަފުޅު ދައްކަވަމުން އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވީ، "ކޮމަންވެލްތަކީ އަބަދުވެސް ޤައުމުތަކުގެ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އިއްތިޙާދެއް ކަމަށެވެ. އެގޮތުން، ކޮންމެ ސައިޒެއްގެ ޤައުމަކުންވެސް ޑިމޮކްރަސީއާއި އިންސާފާއި އެއްބާރުލުން ދިނުމުގައި އެއް މަޤްޞަދެއްގައި ތިބެގެން ގުޅުން ބަދަހި ކުރަމުންދާ ކަމަށާއި، ކޮމަންވެލްތަކީ ގިނަ ޤައުމުތައް އެއް މަޤްޞަދެއްގައި ގުޅުވައިދޭ އަމަލީ، ބާރުގަދަ އަދި ދިރުންހުރި އިއްތިޙާދީ ބައިވެރިވުމެއް ކަމުގައި ނައިބު ރައީސް ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން، ކޮމަންވެލްތުގެ ހުރިހައި ޤައުމަކުންހެން ޙިއްޞާކުރާ އެންމެ ބޮޑު ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތައްކަން ފާހަގަ ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ނާޡިމް ވާހަކަފުޅުދެއްކެވިއެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ރާއްޖޭގެ ތަރައްޤީގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާ ބެހޭ ސިޔާސަތުތައް ހިމަނާފައިވާކަން ވެސް ނާޡިމް ވަނީ ފާހަގަކުރައްވާފައެވެ.
ހަމަ މިއާއެކު، ކޮމަންވެލްތާއި ރާއްޖެއާ ދެމެދުގެ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނާޡިމް ވިދާޅުވީ، ކޮމަންވެލްތުން އިންތިޚާބުތައް އޮބްޒާވް ކުރުމާއި، ސިވިލް ސަރވިސް މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގައި އެ ޕްރޮގްރާމްތައް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، 2026 ވަނަ އަހަރު ކުދި ޤައުމުތަކުގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ކޯ-ޗެއަރގެ ގޮތުގައި ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަން ނާޡިމް ވަނީ އިޢުލާނުކުރައްވާފައެވެ.
ނާޡިމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކޮމަންވެލްތުގެ އިއްތިޙާދަށް އެއްބާރުލުން ދެއްވާ، މި ޕާޓްނަރޝިޕް އިތުރަށް ދިރުވުމަށް ހުރިހާ ޤައުމަކަށް ގޮވާލައްވަމުންނެވެ.