ޚަބަރު
އެއްބަސްވުމާއި ޚިލާފަށް ފްލެޓްތަށް ކުއްޔަށްދޭނަމަ، އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާޓް ކޮށްފައިވާ ފްލެޓްތަކެއް: ފޮޓޯ- މިހާރު

ފަރުދުން
11 އޮކްޓޯބަރު 2025، 05:02
11 އޮކްޓޯބަރު 2025، 05:02
އެއްބަސްވުމާއި ޚިލާފަށް ފްލެޓްތަށް ކުއްޔަށްދޭނަމަ، އެއްބަސްވުން ބާޠިލްކޮށް އެފަރާތްތަކުގެ އަތުން ފްލެޓް އަތުލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާއަށް ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާންކޮށްފައިވާކަމުގެ ޚަބަރެއްގެ "ސްކްރީންޝޮޓް" ހިއްސާކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމުގައެވެ. ހަމައެއާއެކު، އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ، އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށްވެސް ހަމްދާން ވިދާޅުވެފައިވެއެވެ.
އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް. އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ… pic.twitter.com/G8kL6zqUiA
— Hamdhan Shakeel (@HamdhanShakeel) October 11, 2025
އެގޮތުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާއަށް ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާންކޮށްފައިވާއިރު، ސަރުކާރުން މި ފްލެޓްތަށް ދިނުމަށް ކަނޑައަޅާފައިވާ އަގަކީ 11,500 ރުފިޔާއެވެ. މިއަދަދަށްވުރެ ދެގުނަ ބޮޑުކޮށް ކުއްޔަށް ދޫކުރަން ޖަހާފައިވާ ޕޯސްޓާއިމެދު ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ހަމައެއާއެކު ފްލެޓް ލިބޭ ފަރާތްތަކާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްތައް ކުއްޔަށް ދިނުމަކީވެސް މަނާކަމެކެވެ.
އެފްޑީސީން މިހާތަނަށް 78 ފަރާތަކާ ފްލެޓް ހަވާލުކޮށްފައިވާއިރު، ބާކީ ހުރި ފްލެޓްތަށްވެސް ދޫކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.