ޚަބަރު
ފްލެޓް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އެފްޑީސީން އިލްތިމާސްކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކެއް

ފަރުދުން
11 އޮކްޓޯބަރު 2025، 08:13
11 އޮކްޓޯބަރު 2025، 08:13
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އެފްޑީސީން އިލްތިމާސްކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބިފައިވާ ފަރާތްތަކުން އެ ޔުނިޓުތައް ކުއްޔަށް ދިނުމަށް ސޯޝަލްމީޑީއާގައި އާންމު ފަރާތަކުން ޕޯސްޓު ޖަހާފައި އޮތުމުން، އެކަމާ ގުޅިގެން އެ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، އެފްޑީސީން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ޔުނިޓުތައް ބައެއް ފަރާތްތަކުން ކުއްޔަށް ދޫކުރުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމުގެ މަޢުލޫމާތު އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި މިކަމަކީ އެފްޑީސީއާއި ޔުނިޓު ލިބިފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަމުގައި އެކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.
އެފްޑީސީން ވިދާޅުވީ، އެ ކޯޕަރޭޝަނުން ހަވާލުކުރާ ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކާ ނިމުމުގެ ކުރިން އެ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށްދިނުމުގެ އިޚްތިޔާރު އެ ޔުނިޓް ލިބިފައިވާ ފަރާތްތަކަށް އެއްބަސްވުމުގެ ދަށުން ލިބިދީފައި ނުވާނެކަމާއި އަދި އެ ތަންތަނަކީ އެތަންތަން ލިބޭ ފަރާތްތަކުން ދިރިއުޅުމަށް ދޫކޮށްފައިވާ ތަންތަން ކަމުގައެވެ.
އެގޮތުން، އެ ޔުނިޓު ލިބޭފަރާތާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ޔުނިޓު ލިބޭ ފަރާތުން ޔުނިޓު އެހެން ފަރާތަކަށް ކުއްޔަށް ނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމާއި، އަދި އެއާ ޚިލާފަށް ޔުނިޓް ލިބޭ ފަރާތުން ޢަމަލުކޮށްފިނަމަ އެކަމެއް ބަލައި ޔުނިޓުގެ ވެރިފަރާތާ އެފްޑިސީއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެފަރާތާމެދު ފިޔަވަޅުއަޅާނެ ކަމުގައި އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން ޔުނިޓު ލިބިފައިވާ ފަރާތްތަކުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރައްވައެވެ. ސޯޝަލް ހައުސިން ސްކީމްތަކުގެ މަޤްސަދު ހާސިލްކޮށް، އެކަމުގެ ހައްޤުވެރިންނަށް ފައިދާ ކުރާނެ ގޮތަކަށް މި ސްކީމްތައް ހިންގުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެވާހާކަވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.