ޚަބަރު
ޤުރުއާން މުބާރާތުގެ ރަންވަނަތަކަށް ޝާޔާ، ޝަބާ އަދި ޝައިމްއަށް

ހާފިޡުންގެ ގޮފިން އެއްވަނަ ހާސިލް ކުރި ޝާޔާ އަށް ރައީސް މުޢިއްޒު އިނާމު ދެއްވަނީ
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ފާޠިމަތު ޝާޔާ ޒާހިރު، ޢާއިޝަތު ޝަބާ އަދިއަޙްމަދު ޝައިމް ރިޟާއަށް ލިބިއްޖެއެވެ.
ޙާފިޡުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހާސިލުކުރި ފާޠިމަތު ޝާޔާ ޒާހިރު ވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވެފައެވެ. ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހާސިލުކުރީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހާސިލުކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާއެވެ.
މިއަހަރުގެ މުބާރާތުގެ ރަންވަނަތަކަށް ދެވުނު އިނާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތައް ހިމެނެއެވެ. މީގެ އިތުރުން، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްވެސް ހިމެނެއެވެ.
އަދި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ދެވުނެވެ. މީގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޢުމްރާ ދަތުރެއްވެސް ހަދިޔާ ކުރެވުނެވެ.
މި ފަޚުރުވެރި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތާރީޚުގައި ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެންދިޔަ އަހަރުކަން ފާހަގަކުރެވެއެވެ.