Ads by Stelco

ޚަބަރު

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

އައިޖީއެމްއެޗްގައި ކުރިޔަށްދިޔަ ފުރަތަމަ އެންޑޯސްކޮޕިކް ސްޕައިން ސާރޖަރީ، ފޮޓޯ: އައިޖީއެމްއެޗް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 އޮކްޓޯބަރު 2025، 09:05

12 އޮކްޓޯބަރު 2025، 09:05

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ދިވެހި ދައުލަތުގެ ފަރާތުން ހުށަހަޅައިފިއެވެ.

މި ބިލާ ގުޅޭ ގޮތުން މަޢުލޫމާތު ޚިއްޞާ ކުރުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން މީސްމީޑިއާގައި އާންމު ކުރި މަޢުލޫމާތުގައި ބުނާގޮތުން، މި ބިލުގެ ބޭނުމަކީ ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމެވެ. އަދި މި ޚިދުމަތަކީ، އެންމެނަށް ވާޞިލްވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ބޭނުންވާ އުސޫލުތައް ހެދުމެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ދޭ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ވެސް މި ބިލުގެ މުހިންމު މަޤުސަދެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

މި ބިލުގައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުގެ ބައެއް ޓްރާންސްޕްލާންޓުކުރެވޭނެ އަސާސީ ޝަރުތުތައް ވެސް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ދިވެއްސެއް ކަމުގައިވުމާއި، 18 އަހަރު ފުރިފައިވާ މީހަކަށްވުމާއި، އެ ކަމަކީ އެމީހެއްގެ އިޚްތިޔާރުގައި ކުރާ ކަމަކަށް ވުން ލާޒިމެވެ.

އަދި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކުން ގުނަވަން ހަދިޔާ ކުރުމަކީ މި ބިލު ޙުއްދަކުރާ ކަމެއް ނޫނެވެ.

މި ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލަކާއި، ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމެޓީއެއް އުފައްދަން ޖެހެއެވެ. އެ ކައުންސިލް އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ. އަދި އެ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި، ޤަވާއިދު ހެދުމަށް އިރުޝާދު ދިނުމާއި، ޚިދުމަތް ދިނުމުގެ ޚުއްދަ ދިނުމާއި، ޚުއްދަ ބާޠިލުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި އަދި ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމެޓީ ބާރުވެރިކުރުވުން ހިމެނެއެވެ. މީގެ އިތުރުން، ޚިދުމަތްދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ވެސް ބަލާނީ ކައުންސިލުންނެވެ.

އަދި ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމެޓީ މައިގަނޑު މަސްއޫލިއްޔަތަކީ ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ "ކްލިނިކަލް ކޮމެޓީ" އާއި "އެތިކްސް ކޮމެޓީ"އިން ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރޭތޯ ބަލާނީ މި ކޮމެޓީއިންނެވެ.

މިފަދަ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދެނީ މިންގަނޑަށް ތޯ ބެލުމަށް މި ބިލުން ލާޒިމު ކުރަނީ ކޮލެޓީ ކޮންޓްރޯލާރ އަށެވެ. އަދި ސިއްޚީ ޚިދުމަތްތެރިންނާ ގުޅޭ ކަންކަން ބަލާނީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ކަމާގުޅޭ ކައުންސިލުންކަމަށް ވެސް އެ ބިލުގައި ވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން