ޚަބަރު
ރިޝްވަތު ހޯދަން މަސައްކަތް ކުރިކަމުގެ ތުޙުމަތުގައި ކަސްޓަމްސްގެ ކުރީގެ އިސް ބޭފުޅަކަށް ދަޢުވާ ކުރަނީ

ކަސްޓަމްސް ބިލްޑިންގް---

ފަރުދުން
12 އޮކްޓޯބަރު 2025، 09:45
12 އޮކްޓޯބަރު 2025، 09:45
ރިޝްވަތު ހޯދުމަށް މަސައްކަތް ކުރިކަމުގެ ތުޙުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްގެ ކުރީގެ އިސް ބޭފުޅެއްގެ މައްޗަށް ދަޢުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅައިފިއެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅާފައި ވަނީ ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށެވެ.
މި މައްސަލަ އޭސީސީއިން ޕީޖީއަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގެ ބުދަދުވަހުއެވެ.
މި މައްސަލައާ ގުޅިގެން އޭސީސީން ހާމަކުރި ގޮތުގައި، 2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ދޫކުރިނަމަވެސް އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަން ފެށުމުން ސިނގިރޭޓު އެތެތެކުރި ކުންފުންޏަށް ފަހިވާގޮތަށް މައްސަލަ ނިންމުމުގެ ބަދަލުގައި އެ ކުންފުނީގެ ދެ މީހެއްގެ ފަރާތުން މުޢާޛު ޢަލީ ރިޝްވަތަށް އެދިފައިވާކަން ތަހުޤީޤުން ހޯދާފައިވާ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ހުށަހަޅުއްވާފައިވަނީ، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ތުޙުމަތުގައެވެ.