ކޮލަމް / ކުޅިވަރު

ޕްރޮފެޝަނަލް ލެވެލްގައި ކުޅެމުން އަންނަ 58 އަހަރުގެ މިޔޫރާގެ ދުވަހުގެ ތާވަލުން ނަގާނީ ކޮން ފިލާވަޅެއް؟

ޕްރޮފެޝަނަލް ލެވެލްގައި ކުޅެމުން އަންނަ 58 އަހަރުގެ މިޔޫރާގެ ދުވަހުގެ ތާވަލުން ނަގާނީ ކޮން ފިލާވަޅެއް؟

ކަޒުޔޯޝީ މިޔޫރާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޮކްޓޯބަރު 2025، 08:19

13 އޮކްޓޯބަރު 2025، 08:19

ޕްރޮފެޝަނަލް ލެވެލްގައި ފުޓުބޯޅަ ކުޅެމުން އަންނަ އެންމެ ދުވަސްވީ ކުޅުންތެރިޔަކީ، ޖަޕާނަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ ކަޒުޔޯޝީ މިޔޫރާއެވެ. 

މިޔޫރާއަކީ ޖަޕާނުގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ ޔޮކޮހާމާގެ ކުޅުންތެރިއެކެވެ. ނަމަވެސް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ މިވަގުތު ކުޅެމުންދަނީ ޖަޕާނުގެ 4ވަނަ ޑިވިޝަނުގެ ސުޒުކާއަށެވެ.

"ކިންގް ކަޒޫ"ގެ ނަމުން މަޝްހޫރުވެފައިވާ މިޔޫރާ މިހާރު ކުޅެމުން އެދަނީ އޭނާގެ ކެރިއަރުގެ 40ވަނަ ސީޒަނެވެ. އެވަރެޖްކޮށް ޕްރޮފެޝަނަލް ލެވެލްގައި ގިނަ ކުޅުންތެރިން ކުޅެނީ 15 ސީޒަނާއި 20 ސީޒަނާއި ދެމެދެވެ. ނަމަވެސް 40 ސީޒަންގައި ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެވޭނީ، ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ވަރުގަދަ އާދަކާދަތަކެއް ހިފަހައްޓައިގެންކަން ޔަޤީނެވެ. 

ކުޅިވަރު ކުޅުމަށް ބޭނުންކުރާ އުފެއްދުންތަކަށް ޚާއްޞަ، އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ ޕްރޯޑައިރެކްޓަށް ދިން އިންޓަވިއުއެއްގައި ކަޒުޔޯޝީ ވަނީ އޭނާގެ ދުވަހެއް ހޭދަކުރާ ގޮތް ކިޔައިދީފައެވެ. 

ކަޒުޔޯޝީ ހެނދުނުގެ ސައި ބޮނީ 6:30 އާއި 7 ދެމެދެވެ. އެއަށްފަހު އޭނާ ދެން ތައްޔާރު ވަނީ ކްލަބުގެ ޓްރެއިނިން ސެޝަނަށެވެ. އޭނާ މިހާރު ކުޅެމުންދާ ސުޒުކާގެ ޓްރެއިނިން ސެޝަން ފަށަނީ ހެނދުނު 9 ޖަހާއިރެވެ. އަދި 11 ޖަހާއިރު ޓްރެއިނިން ނިންމުމަށްފަހު ކުރިޔަށް އޮންނަ އެއް ގަޑިއިރު ހޭދަކުރަނީ ވަރުބަލިކަން ފިލުވާލުމަށެވެ. އެއަށްފަހު އޮންނަނީ މެންދުރުގެ ކެއުމެވެ. ކެއުން ކުރިޔަށް ގެންދަނީ 12 އާއި 1 އާ ދެމެދެވެ. 

މެންދުރު ކެއުމުގެ ފަހުން ބައެއް ދުވަސްދުވަހު ގާތްގަނޑަށް 2 ޖަހާކަށްހާއިރު އޭނާ ދަނީ ޖިމްއަށެވެ. އެއަށްފަހު 3:30 ނުވަތަ 4އިން ފެށިގެން ޓްރެއިނަރާއެކު ގާތްގަނޑަކަށް 3 ގަޑިއިރު ހޭދަކުރަނީ ހަށިގަނޑު ރިލެކްސް ކުރުމުގައެވެ. އެ ސެޝަން ނިމޭއިރު އޮންނާނީ ރޭގަނޑު ކެއުމުގެ ވަގުތު ޖެހިފައެވެ. އެގޮތުން 6:30 އާއި 7އާ ދެމެދުގެ ކެއުން ކުރިޔަށް ގެންދެއެވެ. 

މިޔޫރާގެ ދުވަސް އެ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ކެއުމަށްފަހު ރޭގަނޑު 8:30 ހާއިރު ދެން އޮންނަނީ ހޫނު ފެނާއި ފިނި ފެނުން ފެންވެރުމެވެ. އެގޮތުން ހޫނު ފެނަށް އެރިގެން ވަކި ވަގުތެއް ހޭދަކުރުމަށްފަހު ދެން އެރެނީ ފިނިފެނަށެވެ. އެގޮތަށް ހޫނު ފެނާއި ފިނި ފެނުގައި އޭނާ ގަޑިއެއްހާއިރު ހޭދަކުރެއެވެ. މިކަން ނިންމާލަނީ 9 ނޫނީ 9:30 ހާއިރެވެ. 

އަދި ނިދުމުގެ ކުރިން ގާތްގަނޑަކަށް 30 މިނެޓެއްހާއިރު ނެޓްފްލިކްސް ބެލުމުގައި ހޭދަކުރާކަމަށް ވެސް އޭނާ ބުންޏެވެ. 

މިޔޫރާގެ ދުވަހެއްގެ ޚުލާސާ:

  • 6:30 - ހެނދުނުގެ ސައި
  • 9:00 - ޓްރެއިނިން
  • 11:00 – ވަރުބަލި ފިލުވުން
  • 12:00 – މެންދުރުގެ ކެއުން
  • 14:00 – ޖިމް
  • 15:30 – މަސްލް ރިލެކްސް ކުރުން
  • 18:30 – ރޭގަނޑުގެ ކެއުން
  • 20:30 – ހޫނު ފެނާއި ފިނި ފެނުން ފެންވެރުން
  • 21:30 – ނެޓްފްލިކްސް

މިޔޫރާގެ މި ތާވަލުން އަހަރެމެންނަށް ލިބޭ ގިނަ ފިލާވަޅުތަކެއް އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަންތައްތަކުގެ ގޮތުގައި ހިމެނޭ ކެއުމާއި އަރާމު ކުރުމަކީ އާދައިގެ ދިރިއުޅުމެއްގައި ވެސް ފަސޭހަކޮށް ކުރެވެން ހުރި ކަންކަމެވެ. އެގޮތުން އޭނާގެ ކެއުމަށް ބަލާލާއިރު، ކެއުމުގެ ކަންކަން ވަކި ތާވަލެއްގެ ދަށުން ކުރިޔަށް ގެންދިއުމާއި، އެއްވެސް ގަޑިއެއް ދޫކޮށްނުލާ ކޮންމެ ގަޑިއެއްގައި ވެސް ކެއުމާއި، ރޭގަނޑުގެ ކެއުން އަވަސްކުރުން ހިމެނެއެވެ. މީގެއިތުރުން، ނަފްސުގެ ދުޅަހެޔޮކަމަށް ތިމާ ހިތްއެދޭ ކަންކަން އާދަކޮށް ކުރުމަކީ މުހިންމު ކަމެއްކަން ވެސް އެނގެއެވެ. 

އަދި އެންމެ މުހިންމު ކަމަކަށް، ތިމާ ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ކަންކަމަށް ފަހިވާ ގޮތަށް ދުވަހުގެ ތާވަލު ބައްޓަން ކުރުމަކީ، އެ ކަމެއްގައި އެ މީހަކު ދެމިހުރުމަށް އެހީވެދޭނެ އެންމެ މުހިންމު ކަންތައްކަން މިޔޫރާ މިދަނީ އަހަރެމެންނަށް ދަސްކޮށްދެމުންނެވެ.

މިޔޫރާ ވަނީ 1986ގައި ބްރެޒިލްގެ ސަންތޯސްއަށް ކުޅެފައި---

މިޔޫރާ ވަނީ އޭނާގެ ކެރިއަރުގައި ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކްލަބުތަކަށް ވެސް ކުޅެފައެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ސަންތޯސް ވެސް ހިމެނެއެވެ. އޭނާ ސަންތޯސްއަށް ފުރަތަމަ މެޗު ކުޅެފައި ވަނީ 1986ވަނަ އަހަރެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގައެވެ. ބްރެޒިލްގެ އިތުރުން، އިޓަލީ، ކްރޮއޭޝިއާ، އޮސްޓްރޭލިއާ އަދި ޕޯޗުގަލްގެ ޓީމުތަކަށް ވެސް މިޔޫރާ ވަނީ ކުޅެފައެވެ. 

މީގެ އިތުރުން، ޖަޕާނުގެ ޤައުމީ ޓީމަށް ކުޅުނު 89 މެޗުން އޭނާ ވަނީ 55 ގޯލު ކާމިޔާބުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން