ޚަބަރު
އޮކްޓޫބަރު 13 އިން 17 ވަނަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ: ފުލުހުން

ފޮޓޯ؛ ދިވެހި ފުލުހުންގެ ޚިދުމަތް

ފަރުދުން
13 އޮކްޓޯބަރު 2025، 11:15
13 އޮކްޓޯބަރު 2025، 11:15
ދިވެހިރާއްޖޭގެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރު ގަދަވެ، ކަނޑުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަ ކުރުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލަފާކޮށްފައިވާތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޮކްޓޫބަރު 13 އިން 17 ވަނަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހާމަކޮށްފައިވާކަމަށެވެ. ވީމާ، މޫސުމަށް ސަމާލުވެ، އަމިއްލަ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެހާ ރައްޔިތުންނަށް އެ އިދާރާއިން އިލްތިމާސްކުރައްވާފައި ވެއެވެ. ވަކިން ޚާއްޞަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މެޓް އޮފީހުން ނެރެމުންދާ މޫސުމީ އިންޒާރުތަކަށް ސަމާލުވެ، އެކަންކަމާ ގުޅޭ އަދާހަމަ މައުލޫމާތު ހޯދައިގަތުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ފުލުހުން ފާހަގަކޮށްފައިވާ ބައެއްކަންކަން:
- ކަނޑުދަތުރުކުރާ ފަރާތްތަކާއި، ފެރީ އޮޕަރޭޓަރުންނާއި، ދަތުރުވެރިން، ވަޔާއި ކަނޑު ގަދަ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރެއްވުން.
- ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީންކުރުން.
- ވާރޭ ވެހޭއިރު މަގުމަތި ތެމި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށް ސަމާލުވުމާއި، ދުރު ފެންނަ މިންވަރު ކުޑަވުމަކީ އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ވުމާއެކު، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުން.
- މޫސުމާބެހޭ އިންޒާރުތަކަށް ސަމާލުވެ، ކަމާބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުން.
- އުދައިގެ އަސަރު ކުރާ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މޫސުމާ ގުޅިގެން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ. ހަމައެއާއެކު ކުއްލި ހާލަތެއް ކުރިމަތިވެ ނުވަތަ ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، 911 އަށް ގުޅުއްވުމަށްވެސް އެ ޚިދުމަތުން އެދިފައިވެއެވެ.