ޚަބަރު
މައިންގެ ކިބައިން ދަރިންނަށް އެޗްއައިވީ، ހެޕަޓައިޓިސްބީ އަދި ސިފިލިސް ވާރުތަކުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ

ދިވެހި އާއިލާއެއް. ފޮޓޯ: ޔުނިސެފް
މައިންގެ ކިބައިން ދަރިންނަށް އެޗްއައިވީ، ހެޕަޓައިޓިސްބީ އަދި ސިފިލިސް ވާރުތަކުރުން ހުއްޓުވި ފުރަތަމަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައަޅއިފިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ދިވެހިރާއްޖެއަކީ މައިންގެ ކިބައިން ދަރިންނަށް ހެޕަޓައިޓިސްބީ ވާރުތަވުން ހުއްޓުވާލެވުނު ޤައުމެއްގެ ގޮތުގައި ކަށަވަރުކޮށްދީފައެވެ. މީގެ ކުރިން 2019 ވަނަ އަހަރު އެޗްއައިވީ އަދި ސިފިލިސް މައިންގެ ކިބައިން ދަރިންނަށް ފެތުރުން ހުއްޓުވާލެވުނު ކަމަށްވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިއާއެކު ދިވެހިރާއްޖެއަކީ މި ތިން ބަލި މައިންގެ ކިބައިން ދަރިންނަށް ފެތުރުން ހުއްޓުވާލެވުނު ދުނިޔޭގެ ފުރަތަމަ ޤައުމަށް ވަނީ ވެފައެވެ.
"ދިވެހިރާއްޖެއިން ވަނީ ވަރުގަދަ އުސޫލުތަކާއެކު މައިންނާއި ކުޑަކުދިންގެ ޞިއްޙަތަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓް ކުރުމުން، މި ނުރައްކާތެރި ބަލިތަކާއި އޭގެ ސަބަބުން ކުރިމަތިވާ ވޭން ހުއްޓުވާލެވިދާނެކަން ސާބިތުކޮށްދީފައި. މި ތާރީޚީ ކާމިޔާބީއަކީ މި ލަނޑުދަނޑި ހާސިލުކުރަން މަސައްކަތްކުރާ ހުރިހާ ޤައުމުތަކަކަށްވެސް އުއްމީދާއި ހިތްވަރު ލިބިދޭ ކަމެއް." ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެއެސަސް ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ވަގުތީ އަންދާޒާތަކުން ދައްކާ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި އެކަނި، 23,000 އަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ސިފިލިސް ޖެހި، 8,000 އަށްވުރެ ގިނަ ކުދިން ވަނީ ސިފިލިސްއާއެކު އުފަންވެފައެވެ. އަދި 25,000 އެޗްއައިވީ ޕޮޒިޓިވް މާބަނޑު އަންހެނުންނަށް ދަރިންނަށް ބަލި ފެތުރުން ހުއްޓުވުމަށް ފަރުވާ ބޭނުންވެފައިވާއިރު، ހެޕަޓައިޓިސް ބީގެ ސަބަބުން މި ސަރަހައްދުގައި 42 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކުރަމުންދެއެވެ.
ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ސަރަހައްދީ އޮފީހުގެ އޮފިސަރ އިން ޗާޖް ޑރ. ކެތަރީނާ ބޯމް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ މި ކާމިޔާބީއަކީ ޔުނިވަރސަލް ހެލްތް ކަވަރޭޖްއަށް، އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ އެންމެންނަށް، ބިދޭސީންނަށްވެސް، ފެންވަރު ރަނގަޅު އަދި ހަމަހަމަ ފަރުވާ ފޯރުކޮށްދިނުމަށް ކުރެވުނު ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެކެވެ.
ދިވެހިރާއްޖޭގައި މައިންނާއި ކުޑަކުދިންގެ ޞިއްޙަތަށް ފުރިހަމަ އަދި އެކުލެވިގެންވާ ނިޒާމެއް ވަނީ ޤާއިމުކުރެވިފައެވެ. މާބަނޑު އަންހެނުންގެ 95 އިންސައްތައަށްވުރެ ގިނަ މީހުންނަށް ވިހެއުމުގެ ކުރީގެ ފަރުވާ ލިބޭއިރު، ހުރިހާ މީހުންނަށްވެސް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީގެ ޓެސްޓު ހެދުމުގެ ފުރުސަތު ލިބެއެވެ.
2022 އަދި 2023 ވަނަ އަހަރު އެޗްއައިވީ ނުވަތަ ސިފިލިސްއާއެކު އެއްވެސް ކުއްޖަކު އުފަންވެފައެއް ނުވެއެވެ.
“މި ތާރީޚީ ކާމިޔާބީއަކީ ދިވެހިރާއްޖެއަށް ވަރަށް ބޮޑު ފަޚުރެއް އަދި މައިންނާއި، ކުޑަކުދިންނާއި އަދި ކުރިއަށް އޮތް ޖީލުތައް ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ ޤައުމުން ކުރާ ދެމެހެއްޓެނިވި މަސައްކަތުގެ އިޝާރާތެކެވެ،" ދިވެހިރާއްޖޭގެ ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.
"މިތިން ބަލި ނައްތާލުމުގެ ކާމިޔާބީ ހޯދުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް ލިބުނު ކާމިޔާބީއެއް ނޫން، އެއީ އެއްވެސް މީހަކު އިސްތިސްނާ ނުކޮށް، ދެމެހެއްޓެނިވި، ހަމަހަމަ އަދި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދެއް” ވަޒީރު އިތުރަށް ވިދާޅުވެފައިވެއެވެ.
މި ކާމިޔާބީއަކީ ސަރުކާރާއި، އަމިއްލަ ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަދި ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުގައި އޮތް ވަރުގަދަ ގުޅުމެއްގެ ނަތީޖާއެކެވެ. މިފަރާތްތަކުން ސްކްރީނިންގ، ޚިދުމަތްތައް، އައުޓްރީޗް، އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެކުގައި މަސައްކަތްކޮށްފައިވެއެވެ.