ދުނިޔެ
ޣައްޒާގައި ހަނގުރާމަ ނިމުނީ ކަމަށް ހީ ނުކުރާތި، އެއީ ކުށް ހީއެއް: ފަލަސްޠީން މީހެއް

ޣައްޒާގެ ޢިމާރާތްތައް ސުންނާފަތިކޮށްފައި.

ފަރުދުން
14 އޮކްޓޯބަރު 2025، 05:12
14 އޮކްޓޯބަރު 2025، 05:12
ޣައްޒާގައި ދިރިއުޅެމުން އަންނަ މަޝްހޫރު ފަރުދަކު ކަމުގައިވާ ޖިހާދް ޙަލަސް އޭނާގެ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ބުނުއްވީ، ޣައްޒާގައި ހަނގުރާމަ ހުއްޓުނީ ކަމަށް ހީ ކޮށްގެން ނޫވާނޭ ކަމަށެވެ. ފަލަސްޠީނުގައި ހިނގަމުން އަންނަ ކަންކަމުގެ އަދާހަމަ ޙިއްޞާކުރައްވާ ޖިހާދްގެ ޕޯސްޓުގައި ވެއެވެ:
ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމަ ނިމިއްޖެ ކަމަށް ހީކޮށްފި މީހާ އެ ކުރީ ކުށް ހީއެކެވެ. އަދި ކިއެއް ހެއްޔެވެ. އަދި ކިރިޔާ ހަނގުރާމަ މި ފެށެނީއެވެ. ނަމަވެސް އެހެން ބާވަތެއްގެ ހަނގުރާމައެކެވެ. ބޮމާއި ވައިގެ ޙަމަލާއަށް ވުރެ މި ހަނގުރާމަ މާ ހިތާމަވެރިއެވެ. ޣައްޒާގެ ރަޢިއްޔަތުން އެނބުރި ދިޔައީ "ފުހެލެވިފައި" އޮތް ސަރަޙައްދަކަށެވެ. ހުސްވެފައިވާ އަވަށްތަކަކަށެވެ. ސުންނާފަތިކޮށްފައިވާ ގެދޮރުތަކަކަށެވެ. މިސްކިތްތަކެއް ނެތެވެ. މަދަރުސާތަކެއް ނެތެވެ. ޔުނިވަރސިޓީތަކެއް ނެތެވެ. މަގުތަކެއް ނެތެވެ. ކާއެއްޗެހި ވިއްކާ ފިހާރަތަކާއި، މާރުކޭޓުތައް ވެސް މިިހައިރު ނެތެވެ. ޙަޔާތަށް އެންމެ ޟަރޫރީ ފެނާއި ކަރަންޓު ވެސް ނެތެވެ.
ޖިހާދްގެ ޕޯސްޓުގައި އިތުރަށް ލިޔުއްވާފައިވަނީ، ޣައްޒާއަށް ތާޔީދުކޮށް، ޣައްޒާއާ އެއްކޮޅަށް އަޑު އުފުލާ މީހުންނަށް ހެޔޮ ޚަބަރު ހުރި ކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ކުޑަ މިނުން ދުޢާކޮށްގެން ނަމަވެސް ޣައްޒާއާ އެކީގައި ވާން ޖެހޭ ކަމަށާއި، އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރު ކަމަށެވެ.
ޖިހާދް ޙަލަސް މި މަހުގެ 10ވަނަ ދުވަހު ޝާއިޢުކުރައްވާފައިވާ އެހެން ޕޯސްޓެއްގައި ވެއެވެ:
މި ރެޔަކީ، ވެއަތުވި ދެ އަހަރު ދުވަހުގެ ތެރޭގައި، އަހަރެމެންނަށް ބޮންތަކުގެ ގޮވުމާއި، ބަޑިތަކުގެ އަޑާއި، މަތިންދާބޯޓުތަކުގެ ގުގުރި ނުއިވި ދިޔަ ފުރަތަމަ ރެއެވެ. މިއީ އިރައިރައިގެން ގޮސްފައިވާ ހަށިތައް އަހަރެމެންގެ ލޮލުން ނުދެކޭ ފުރަތަމަ ރެއެވެ.
ޖިހާދްގެ މި ޕޯސްޓް ދުޢާއަކުން ނިންމާލާފައިވާއިރު، ޕޯސްޓު 38،500 މީހުން ކިޔައި، ގާތްގަނޑަކަށް 4،800 މީހުން ވަނީ ރިއެކްޓް ކޮށްފައެވެ.