ވިޔަފާރި / ޚަބަރު
ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިއްޖެ

ޕޭޕަލްގެ އޮފީހެއް / ފޮޓޯ: ޝަޓަރސްޓޮކް
ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިގެން ގޮސްފައިވާކަމަށް، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާރޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ އުރީދޫ ފިންޓެކްކަމަށެވެ.
އަދި މިކަން ހާސިލްވެގެން ދިއުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލްވެގެން ދިއުންކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
Ooredoo Fintech and PayPal have announced their intent to collaborate in Maldives and are actively working on finalizing details of the partnership.
— Ooredoo Maldives (@OoredooMaldives) October 14, 2025
The intended partnership is expected to benefit both consumers and businesses in the Maldives. Expected to go live in 2026,… pic.twitter.com/cI3lFTEJv9
އެ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިޤުތިޞާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި، މި ޚިދުމަތާއިއެކު އެ ވަޢުދު ފުދިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މި ޚިދުމަތާއެކު ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުޢާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ދިވެހިރާއްޖެއިން ލިބޭނެ ގޮތަށް މިހާރު މިވަނީ މަގުފަހިވެގެން ގޮސްފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކުރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ޚިދުމަތް ފެށުމަށް ދިގުލައިގެން ދިޔަ ނަމަވެސް، މިވީ މުއްދަތުގެ ތެރޭގައި މިކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފާއިތުވި 2 އަހަރުގެ ތެރޭގައި މިކަން ހާސިލްކުރުމަށް ކުރިމަތިވި ހުރިހާ ގޮންޖެހުމެއް މިހާރު ހުރަސްކުރެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓް ތައާރަފްކުރުމަށާއި ޕޭޕަލް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކެބިނެޓުން ނިންމީ 7 ޖެނުއަރީ 2024ގައެވެ.