Ads by Stelco

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޒިވާރު ކަސްޓަމްސްގެ ވަޒީފާއިން ސަސްޕެންޑުކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޒިވާރު ކަސްޓަމްސްގެ ވަޒީފާއިން ސަސްޕެންޑުކޮށްފި

ކަސްޓަމްސްގެ ވަޒީފާގައި ހުރި ޒިވާރު އިސްމާޢީލް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 އޮކްޓޯބަރު 2025، 07:07

16 އޮކްޓޯބަރު 2025، 07:07

ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށްނެގުމުގައި ޝާމިލްވާކަމުގެ ތުޙުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ސުޕްރިންޓެންޑެންޓެއްގެ މަޤާމުގައި ހުރި ޒިވާރު އިސްމާޢީލް ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން މީސްމީޑިއާގައި ޚިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލަ ދަނީ ކަސްޓަމްސްއިން ވެސް ތަޙުޤީޤު ކުރަމުން ކަމަށާއި، އެހެންކަމުން އިއްޔެއިން ފެށިގެން ޒިވާރު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގައި ފަސްނުޖެހޭނެކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒިވާރު މަސައްކަތް ކުރަމުން ދިޔައީ ހުޅުމާލޭ އިންޓަނޭޝަނަލް ޕޯރޓުގައެވެ. 

މި މައްސަލައިގައި ވަނީ ކުރިން ކަސްޓަމްސްގެ ވަޒީފާގައި ހުރި މުޢާޒު ޢަލީ ވެސް ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާ ކަސްޓަމްސްގައި އެންމެ ފަހުން ހުރީ ސީނިއާރ ސުޕްރިންޓެންޑެންޓެއްގެ މަޤާމުގައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން، މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައި ހުއްޓާ އޭނާ ވަނީ 30 ދުވަހަށް ސަސްޕެންޑުކޮށްފައެވެ. 

މުޢާޒުއަކީ ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައެއްގައި ވެސް ހިމެނޭ މީހެކެވެ. އެ މައްސަލައިގައި އޭސީސީއިން ވަނީ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާފައެވެ. 

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.

ކަސްޓަމްސްއިން ކުރިން ބުނެފައި ވަނީ ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާރމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން