ޚަބަރު
ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ވަޔާއި، ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ހުއްޓުމެއްނެތި ދަނީ ކުރަމުން: އެމްއެންޑީއެފް

ތުޅާގިރި ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓި:ފޮޓޯ އެމްއެންޑީއެފް

ފަރުދުން
16 އޮކްޓޯބަރު 2025، 01:23
16 އޮކްޓޯބަރު 2025، 01:23
ތުޅާގިރި ކައިރިން ބަންޑުން ޖަހާލާ އަޑިއަށް ގޮސްފައިވާ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެއިދާރާއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ މެންދަމު 03:08 ހާއިރުކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުމާއިއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ޑައިވަރުންނާ އެކު އެސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން ގެންދާކަމަށާއި، ލޭންޑިންގ ކްރާފްޓުން ދަތުރުކުރި ހަތް މީހުންގެ ތެރެއިން 4 މީހުން ރޭ ސަލާމަތް ކުރެވިފައިވާކަމަށެވެ. އަދި، ގެއްލިފައިވާ ތިން މީހުންގެތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން، މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ނަގާފައިވާކަމަށާއި، އަދި އަޑިއަށް ގޮސްފައިވާ ލޭންޑިންގ ކްރާފްޓްގައިތިބި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ވަޔާއި، ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ހުއްޓުމެއްނެތި ކުރަމުންއަންނަ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އެ އުޅަނދުގެ ބައެއްތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި އަދި ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.