ޚަބަރު
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް. ފޮޓޯ: އެމްއޭސީއެލް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ބަދަލާއެކު، އެއަރޕޯޓުގެ ކުރީގެ ޓަރމިނަލްގައި ދެމުން އައި އެންމެހައި ޚިދުމަތްތައް މިހާރުވަނީ އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮރާޓާ ޕްރޮސެސްގެ ދަށުން ކުރިއަށްގެންދިޔަ މި ބަދަލުވުމުގެ މަރުހަލާގައި، ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތަކާއި ޓަރމިނަލްގެ އޮޕަރޭޝަންތައް ވަނީ ފުރިހަމައަށް ޓެސްޓުކޮށް ޗެކްކޮށްފައެވެ. އަދި މި މަރުހަލާ ކުރިއަށް ގޮސްފައިވަނީ ވަރަށް އަމާންކަމާއެކުގައި ކަމަށް އެފަރާތުން ފާހަގަކުރެއްވިއެވެ.
ޓަރމިނަލް ބަދަލުކުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއޭސީއެލްއިން ފާހަގަކުރައްވާފައިވަނީ، ކޯޑް ސީގެ މަތިންދާ ބޯޓުތައް ޖެއްސުމަށްޓަކައި ރަންވޭއާ ކައިރީގައި ހުރި ކުރީގެ ޓަރމިނަލް އިމާރާތާއި އެ ސަރަހައްދުގެ އުސް ތަންތަން ހުސްކުރަން ޖެހުމެވެ. މި ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށެވެ.
136.6 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އައު އެއަރޕޯޓުގައި 2465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނެއެވެ. މި ރަންވޭއަކީ ބޮއިން 737 އާއި އެއަރބަސް A320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ފިޔަވައި އެއިރޯ ބްރިޖާއެކު ތަރައްޤީކުރެވޭ މި އެއަރޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ފެންވަރުގެ އެއަރޕޯޓެކެވެ. އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށި މި މަޝްރޫޢު ރަސްމީކޮށް ހުޅުވުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.