ޚަބަރު
ބަންކަރިންގެ ޚިދުމަތަށް އަހަރެއްވީއިރު މިހާތަނަށް 192 މިލިޔަން ރުފިޔާ ލިބިފައިވޭ

މުދާއުފުލާ ދެ ބޯޓެއް. ފޮޓޯ: ޕީއެސްއެމް
ބަންކަރިންގެ ޚިދުމަތް ފެށިތާ އަހަރެއްހާ ދުވަހުގެ ތެރޭގައި 192 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ދެމުން އަންނަ މި ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމަށް އެސްޓީއޯ މެދުވެރިކޮށް އޮފްޝޯކޮށް ދެމުންދާ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން މިދިޔަ އަހަރުގެ ނިޔަލަށް 44.9 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރު މަހުން މަހަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މި ޚިދުމަތުން މިހާތަނަށް ޖުމްލަ 192،149،939 ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. އަދި މި މުއްދަތުގައި ޓެކުހުގެ ގޮތުގައި 17،360،589.10 ރުފިޔާ ދައްކާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"މީގެ ތެރޭގައި 83 ޕަސެންޓަކީ ލޯ ސަލްފަރ ފިއުލް. މިއީ ދިވެހިރާއްޖެއަށް މީގެ ކުރިން ގެނެސްގެން ބަންކަރކުރި އެއްޗެއް ނޫން،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ގޮތުން މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކު ފެށި މި ޚިދުމަތުން އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރު ޖީޑީޕީއަށް އިތުރުކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމެވެ.