ޚަބަރު
ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެ

ބަންޑުންޖަހާލި ލޭންޑިންގ ކްރާފްޓް: ފޮޓޯ- އެމްއެންޑީއެފް

ފަރުދުން
19 އޮކްޓޯބަރު 2025، 10:10
19 އޮކްޓޯބަރު 2025، 10:10
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލަ ޙާދިސާގައި ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައިވާކަމަށެވެ. ހަމައެއާއެކު މިހާތަނަށް މި އުޅަނދުން ދަތުރުކުރި 4 މީހަކު ސަލާމަތްކުރެވިފައިވާކަމަށްވެސް އެމްއެނޑީއެފުން ވިދާޅުވިއެވެ.
އަދާހަމަ#: ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފަ.
— Maldives National Defence Force (@MNDF_Official) October 19, 2025
ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ބަނޑުން ޖަހާލި މި ކޮޅުވެއްޓި ދަތުރުކުރަމުންދިޔައީ މާލެ އަތޮޅު އެރިޔަދޫއަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި 7 މީހުންގެ ތެރެއިން، 3 މީހުން ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭއިރު، ފުރަތަމަ ފެނިފައިވަނީ ދިވެހި މީހާގެ ހަށިގަނޑެވެ. ގެއްލިގެން ހޯދަމުން ދިޔަ ދެވަނަ މީހާއަކީ އިންޑީއާ ރައްޔިތެކެވެ. އޭނާ ހަށިގަނޑު ފެނިފައިވަނީ އެދުވަހުގެ މެނދުރެއްހާއިރުއެވެ. އޭގެ ފަހުން ސްރީލަންކާއަށް ނިސްބަތްވާ ތިން ވަނަ މީހާ ފެނިފައި މިވަނީ ރޭގެ ވަގުތެއްގައެވެ.