ޚަބަރު
ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ %45 މަސައްކަތް އެމްޓީސީސީން ނިންމާލައިފި
 
                    ބަނދަރު ތަރައްޤީކުރުން/ފޮޓޯ: އެމްޓީސީސީ
އއ. ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ %45 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢޫގެ ދަށުން ޕޭވްމަންޓާއި ކީވޯލްގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިިއަށް ދަނީ ޖެޓީ ހެދުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 23،579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 7،848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހަމަ އެހެންމެ، 4،268 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، 403 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ހަމަ އެއާއެކު، 80 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2،481 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއަކީ، 47.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދައުލަތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
 
                 
                             
                                         
                 
                 
                                             
                                            