ޚަބަރު
ދެއްވަދޫ ރަސްގެފާނުގެ ޒިޔާރަތް ދެއްވަދުއަށް ނަޤުލުކޮށްދިނުމަށް އެ ރަށު މީހުން އެދިއްޖެ
ދެއްވަދޫގެ ތަޞްވީރެއް / ވިޒިޓް ދެއްވަދޫ.
ފަރުދުން
20 އޮކްޓޯބަރު 2025، 05:20
20 އޮކްޓޯބަރު 2025، 05:20
ރާއްޖެ އިސްލާމްވުމަށް ފަހު އެންމެ ފުރަތަމަ ބިނާކުރެވުނު މަސްޖިދު ކަމަށް ތާރީޚުގައި ލިޔެވިފައިވާ މާލޭ ހުކުރު މިސްކިތުގެ ގޮވެތި ތެރޭގައި ފަސްދާނުލެވިފައިވާ މަޝްހޫރު ދެއްވަދޫ ރަދުންގެ ޒިޔާރަތް، ހުވަދުއަތޮޅު ދެއްވަދުއަށް ނަޤުލުކޮށްދިނުމަށް އެ ރަށުގެ ރަޢިއްޔަތުން އެދޭ ކަމުގައި މަޖިލިހުގައި އަދު ބުނެފިއެވެ.
ދިވެހި ބަހާއި، ޘަޤާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަޖިލިހަށް ޙާޟިރުވެވަޑައިގަތުމުން، ދެއްވަދޫ ހިމެނޭ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ވަނީ ދެއްވަދޫ ރަދުންގެ ޒިޔާރަތާ މެދު ސުއާލުކުރައްވާފައެވެ.
ދެއްވަދުއަށް އުފަން އަސަދުﷲ ވިދާޅުވީ، ދެއްވަދޫ ރަދުންގެ ޒިޔާރަތް ދެއްވަދޫގައި ހުރުމަކީ އެ ރަށު މީހުންގެ އެދުމެއް ކަމަށެވެ. ވީމާ، ދެއްދަވޫ ރަސްގެފާނުގެ ޒިޔާރަތް ގ.އ. ދެއްވަދުއަށް ބަދަލުކުރެވިދާނެ އުޞޫލެއް އޮތް ތޯ، ނޫން ނަމަ އެ ފަދަ އުޞޫލެއް އުފެއްދިދާނެ ތޯ، މެންބަރު ވަނީ އައްސަވާފައެވެ.
މި ސުއާލަށް ޖަވާބުދެއްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ: "އަޅުގަނޑު ވިސްނާލަން ޖެހޭނީ ތިޔަ ކަމާ އިނގޭތޯ" މި ފަދައިންނެވެ.
ޢަދުލު އިންޞާފު ޤާއިމުކުރެއްވި، އަދި ނިކަމެތީންނަށް އޯގާތެރިވެވަޑައިގަތް ރަސްކަލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ދެއްވަދޫ ރަސްގެފާނަކީ، ނަސަބުގެ ގޮތުން ވެރިކަން ލިބިވަޑައިގަތް ރަސްކަލެއް ނޫނެވެ. އެހެނަސް، އެ މަނިކުފާނު ވެރިކަމަށް އިސްވެވަޑައިގަތީ، އެ މަނިކުފާނުގެ ކުރީން ވެރިކަމުގައި ހުންނެވި ސައްޔިދު ރަސްގެފާނު އަވަހާރަވިއިރު، އެ މަނިކުފާނުގެ ދަރިކަލަކު ނެތުމުންނެވެ. ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތުމުގެ ކުރީން މާލޭގައި 14 އަހަރު ފަނޑިޔާރުކަން ކުރެއްވި ދެއްވަދޫ ރަދުން އަވަހާރަވީ، ހިޖުރައިން 1112ވަނަ ސަނަތުގެ ޝަޢުބާން މަހުގެ 6ވަނަ ދުވަހުގައެވެ. އެއަށް ފަހު، އެ ރަދުންގެ ހަށިކޮޅު، ހުކުރު މިސްކިތު ގޮވެތި ތެރޭގައި ފަސްދާނުލެވުނެވެ. ދެއްވަދޫ ރަދުން އަވަހާރަވިއިރު، އެ މަނިކުފާނަށް އެއްވެސް ދަރިކަލަކު ލިބިވަޑައިގެންފައިނުވެއެވެ.