ޚަބަރު
ބަނގުރާގެ 2 މައްސަލައެއްގައި 7 ބިދޭސީން ހައްޔަރަށް
ބަނގުރާގެ 2 މައްސަލައެއްގައި 7 ބިދޭސީން ހައްޔަރުކޮށްފި.
ފަރުދުން
20 އޮކްޓޯބަރު 2025، 03:56
20 އޮކްޓޯބަރު 2025، 03:56
މި މަހުގެ 16ވަނަ ދުވަހާއި 19ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން، ބަނގުރާގެ 2 މައްސަލައެއްގައި ޖުމުލަ 7 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭ ގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 16ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބިބަސް ރާއި (24އ)، ޑެބި ތަމަންގް (39އ)، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ނޭޕާލަށް ނިސްބަތްވާ ފަރުދުންނެވެ. މި ހަތަރު މީހުން ތިބި އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމް.އެލް.ގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ފެނިފައިވާ ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ރަސެލް ޚާން (37އ) ، އެމް.ޑީ ސޮހެލް ހަވްލަދަރ (32އ) އަދި ނުރުލް އިސްލާމް (40އ) އެވެ. މި ތިން މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
މި އޮޕަރޭޝަންގައި، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ. މި ބެލުމުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމް.އެލް.ގެ 29 ފުޅިއާއި، ފަސް ލީޓަރުގެ ފުޅިއަކާއި، ތިން ޓައްޕު ފެނިފައިވެއެވެ.
މި 7 މީހުން ވެސް އަނބުރާ ޤައުމަށް ފޮނުވައިލުމަށް އިމިގްރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިhttps://t.co/p1GRlKlRaI pic.twitter.com/V6pLFEh9QO
— Maldives Police (@PoliceMv) October 20, 2025
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ބަޔަކު މާލެއިން ހައްޔަރުކޮށްފިhttps://t.co/aN8pdK10AZ pic.twitter.com/9ejCI1oNKm
— Maldives Police (@PoliceMv) October 20, 2025