ދުނިޔެ

އެއްބަސްވެވުމާ ޚިލާފުވެ އިސްރާއިލުން ކުރަމުންދާ ކަންކަން ޙަމާސްއިން ހާމަކޮށްފި

އެއްބަސްވެވުމާ ޚިލާފުވެ އިސްރާއިލުން ކުރަމުންދާ ކަންކަން ޙަމާސްއިން ހާމަކޮށްފި

ފަލަސްޠީނުގެ ޝަހީދެއްގެ ހަށިގަނޑު ކަށުނަމާދަށް ގެންދެވެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2025، 05:20

20 އޮކްޓޯބަރު 2025، 05:20

ހަމަލާތައް ހުއްޓާލުމަށް ވެވުނެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހިންގި އެތައް ޢަމަލުތަކެއްގެ ތަފްސީލީ ރިޕޯޓެއް ހަމާސް އިން ނެރެފިއެވެ.

 މި ރިޕޯޓަކީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 9 ވަނަ ދުވަހު ޝަރަމް އައް-ޝެއިޚްގައި ސޮއިކުރެވުނު އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހިންގި ޢަމަލުތައް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ހަމާސްގެ ސިޔާސީ ބިއުރޯއިން ނެރުނު މި ރިޕޯޓު ވަނީ އެއްބަސްވުމުގެ މެދުވެރިންކަމުގައިވާ މިޞްރު، ޤަޠަރު، ތުރުކީ އަދި އެމެރިކާއާ ހިއްސާކޮށްފައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދިނުމާއި، އެހީ ފޯރުކޮށްދިނުން ހުއްޓުވުމާއި، ޣައްޒާގެ ވީރާނާވެފައިވާ އަސާސީ ވަސީލަތްތައް އަލުން ޤާއިމްކުރުން ހުއްޓުވުމުގެ ޢަމަލުތައް ހިންގާފައެވެ.

އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތައް

ހަމަޖެހުން އައި ފަހުން އިސްރާއީލީ ސިފައިން ވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދީ 46 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލައި، 132 މީހުންނަށް އަނިޔާކޮށްފައެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. މީގެ ތެރޭގައި އަބޫ ޝަބާން ޢާއިލާގެ 7 ކުދިންނާއި 2 އަންހެނުން ޝަހީދުކޮށްކި ހާދިސާވެސް ހިމެނެއެވެ.

"ޔެލޯ ލައިން" އާ ޚިލާފުވުން

ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެވަނަ މައިގަނޑު ޚިލާފުވުމަކީ ވަގުތީ އަސްކަރީ ފަހަތަށް ޖެހުމުގެ ސަރަހައްދު ނުވަތަ 'ޔެލޯ ލައިން' އާ ޚިލާފުވުމެވެ. އިސްރާއީލީ ސިފައިން ވަނީ މި ސަރަހައްދުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ދޫނުކޮށް، ޣައްޒާގެ ބޯޑަރު ސަރަހައްދުތަކުގައި ހަތިޔާރުގެ ބޭނުން ކުރަމުން ގެންދެއެވެ.

އިންސާނީ އެހީ ހުއްޓުވުން

އެއްބަސްވުމުގެ ދަށުން ކާބޯތަކެއްޗާއި، ތެލާއި އިންސާނީ އެހީ ޣައްޒާއަށް ވެއްދުމަށް ހުއްދަ ދޭންޖެހެއެވެ. ނަމަވެސް އިސްރާއީލުން ވަނީ މަސް، ކުކުޅު އަދި އެއްގަމުމަސް ފަދަ މުހިންމު ކާބޯތަކެތި މަނާކޮށް، ގޭސް އަދި ތެލުގެ ޓްރަކުތައް އެއްބަސްވެވުނު މިންވަރަށްވުރެ މާ މަދުން ވައްދާފައެވެ. މީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ތަކެއްޗާއި، ކަރަންޓު އަދި ނަރުދަމާ ނިޒާމު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ވެއްދުންވެސް ވަނީ ހުއްޓުވާފައެވެ.

އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ހުއްޓުވުން

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ އެމްބިއުލަންސް، ޞިއްޙި އާލާތްތައް އަދި މަދަނީ ދިފާޢީ އުޅަނދުފަހަރު ވެއްދުން ހުއްޓުވާފައެވެ. މީގެ އިތުރުން މަގުތަކާއި، ފެނުގެ ވިއުގަ އަދި މުވާސަލާތީ ވަސީލަތްތަކަށް ބޭނުންވާ އާލާތްތަކާއި، ބޭންކުތަކަށް ބޭނުންވާ ފައިސާ އަދި ހޮސްޕިޓަލްތަކާއި، ބޭކަރީތަކާއި އާންމު ވަސީލަތްތައް އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ވެއްދުންވެސް ވަނީ މަނާކޮށްފައެވެ.

ހައްޔަރުކުރެވިފައިވާ މީހުންނާއި ހިފެހެއްޓިފައިވާ ހަށިގަނޑުތައް

އިސްރާއީލުން ވަނީ އަންހެނުންނާއި ކުޑަކުދިން ދޫކޮށްނުލައި، ހައްޔަރުކުރެވިފައިވާ މީހުންގެ ފުރިހަމަ ލިސްޓު ހާމަނުކޮށް، އަދި ސަތޭކަ އަކަށްވުރެ ގިނަ ޝަހީދުންގެ ހަށިގަނޑުތައް ހިފަހައްޓާފައެވެ. ދޫކޮށްލެވުނު މީހުންނަށް ރެޑް ކްރޮސްއާ ހަވާލުކުރުމުގެ ކުރިން ވަނީ އަނިޔާކޮށް، ބަނޑަށް ބަހައްޓައި، ނިކަމެތިކޮށްފައެވެ.

150 ފަލަސްޠީނު ޝަހީދުންގެ ހަށިގަނޑު އަނބުރާ ލިބުނުއިރު، ގިނަ ހަށިގަނޑުތައް ހުރީ އަތްފައި ބަނދެ، ލޮލުގައި ބަނދެ، ނުވަތަ ހަނގުރާމަވެރި އުޅަނދުތަކުގެ ދަށުން ފިތިފައެވެ. މިއީ ހަނގުރާމައިގެ ކުށަކާއި އިންސާނިއްޔަތާ ދެކޮޅު ކުށެއްކަމަށް ހަމާސްއިން ބުނެފައިވެއެވެ.

ހަމާސްއިން ވަނީ އެ ޖަމާޢަތުން ހަމަޖެހުމަށް ފުރިހަމައަށް ތަބާވަމުންދާކަން އަލުން ދަންނަވައި، ހުރިހާ ޚިލާފުވުންތަކެއް އަންނަނީ ހަމައެކަނި އިސްރާއީލުގެ ފަރާތުންކަން ފާހަގަކޮށްފައެވެ. އަދި މިޞްރު، ޤަޠަރު، ތުރުކީ އަދި އެމެރިކާއިން އިސްރާއީލަށް ފިއްތުން ބޮޑުކޮށް، އެއްބަސްވުމަށް އިޙްތިރާމްކުރުމަށް މަޖުބޫރުކުރުމަށް ގޮވާލާފައިވެއެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ކުށްތައް ތަޙްޤީޤުކޮށް، އިންސާނީ އެހީގެ މާއްދާތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ހަމާސްއިން ގޮވާލާފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން