ޚަބަރު
ލ. ހިތަދޫގައި ބީއެމްއެލް ބްރާންޗެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތާއި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ލ. ހިތަދޫގައި ބީއެމްއެލް ބްރާންޗެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުން---

ފަރުދުން
20 އޮކްޓޯބަރު 2025، 07:43
20 އޮކްޓޯބަރު 2025، 07:43
ލ. ހިތަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ބްރާންޗެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތާއި އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
އެ ބްރާންޗުގެ ޢަމަލީ މަސައްކަތާއި، އޭޓީއެމްގެ ޚިދުމަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ކުރެއްވެވި ޒިޔާރަތުގައެވެ.
އަދި މި ކަންކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، އަދި އެރަށު ކައުންސިލްގެ ރައީސްއެވެ.
ހިތަދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޚިދުމަތް ފައްޓަވާ ދެއްވުމަށްފަހު އެ މަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑު އެ ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ހިތަދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.