ޚަބަރު
ހުރިހާ ދާއިރާއަކުންވެސް ރަށަށް ތަރައްޤީ ގެނެސްދިނުމުގަ ސަރުކާރުން ވަރަށް މަސައްކަތް ކޮށްދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

ފަރުދުން
21 އޮކްޓޯބަރު 2025، 12:20
21 އޮކްޓޯބަރު 2025، 12:20
ކޮންމެ ދާއިރާއަކުންވެސް ތަރައްޤީ ގެނެސްދިނުމުގައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ލ. މާމެންދޫއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، މާމެންދޫގެ ތަރައްޤީއަށް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މީގެ އިތުރުން ވަޢުދުވެވަޑަގެންފައިނުވާ ތަރައްޤީއާއި ގުޅުންހުރި އެހެނިހެން މަޝްރޫޢުތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާމެންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މާމެންދޫ ބަނދަރު ތަރައްޤީކުރުމާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. މީގެ އިތުރުން ހުޅިމެންދޫގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައިވެސް މި ރަސްމިއްޔާތުގެ ތެރެއިން ސޮއިކުރައްވާފައިވެއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކާ ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވަޢުދުފުޅެކެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، ހުޅަމެދޫންގައި ތަރައްޤީކުރާ ހޮޓެލް ސްކޫލަކީ، މުޅި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމުގައެވެ. ހަމައެއާއެކު މާމެންދޫގެ ތަރައްޤީއަށް މުހިންމު އިތުރު މަޝްރޫތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މާމެންދޫ ސްކޫލުގައި މަލްޓީޕަރޕަސް ޙޯލެއް ބިނާކުރުމާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަމާއި ކުޅިވަރުގެ ރޮޮނގުން ފުޓްސެލް ދަނޑާއި ވޮލީކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.