ދުނިޔެ
މުޢާހަދާއާ ޚިލާފަށް އިސްރާއީލުން ތަކުރާރުކޮށް ޙަމަލާދިނުން ޤަޠަރުގެ އަމީރު ކުށްވެރިކުރައްވައިފި
ޤަޠަރުގެ މަޖްލިސުއްޝޫރާ އިފްތިތާޙުކުރުމުގެ ޙަފްލާގައި އެ ޤައުމުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދް އައްޘާނީ ވާހަކަފުޅު ދައްކަވަނީ.
ފަރުދުން
21 އޮކްޓޯބަރު 2025، 04:13
21 އޮކްޓޯބަރު 2025، 04:13
އިސްރާއީލާއި ފަލަސްޠީނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި، ޞުލްޙަވުމަށް ކުރި މުޢާހަދާއާ ޚިލާފުވެ، އިސްރާއީލީ ފައުޖުން ޣައްޒާއަށް ތަކުރާރުކޮށް ދެމުން ގެންދާ ޙަމަލާތައް، ޤަޠަރުގެ އަމީރު ކުށްވެރިކުރައްވައިފިއެވެ.
ޤަޠަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދް އައްޘާނީ އަދު ޤަޠަރުގެ މަޖިލިސް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ތަޤުރީރުގައި ވިދާޅުވީ، މިދިޔަ ދެ އަހަރު ދުވަހު ފަލަސްޠީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އައީ ޤަތުލުޢާންމެއް ކަމަށެވެ. ވުމާ އެކު، މި ކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުއައްސަސާތަކުން ނުކުޅެދިފައި ތިބި ތިބުމަކީ ކުށެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.
އަދު ޤަޠަރުގެ މަޖްލިސުއްޝޫރާ ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި، އަމީރު ތަމީމް ވަނީ އިސްރާއީލުގެ އަނިޔާވެރިކަން ޤަޠަރުން ވަރުގަދައަށް ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ޚާއްޞަ ގޮތެއްގައި، އިންސާނުން ދިރިއުޅެން ނުއެކަށޭނަ ސަރަޙައްދަކަށް އިސްރާއީލުން ޣައްޒާ ހަދާފައިވާ ކަން، އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިންމައިލުމަށް ޙަމާސް އަދި އިސްރާއީލު ޞިފައިންނާ ދެމެދު ވެފައި އޮތް ޢަހުދާ ޚިލާފުވެ، އިސްރާއީލުން ވަނީ ޣައްޒާއަށް އެތައް ޙަމަލާއެއް ފޯރުވާފައެވެ. މި ކަން ކުށްވެރިކުރައްވައި އަމީރު ވިދާޅުވީ، އިސްރާއީލުން ޣައްޒާގެ ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވުމާއި، އަލްމަސްޖިދުލްއަޤުޞާގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލުތައް ކުރުމާ ޤަޠަރުން ދެކޮޅު ކަމަށެވެ.
ޤަޠަރުގެ އަމީރު ތަމީމް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވައިލެއްވީ، ފަލަސްޠީނީންނަށް ޙިމާޔަތް ކަށަވަރުކޮށްދީ، ޤަތުލުޢާންމު ހިންގާ މުޖުރިމުން ޛިންމާދާރުކުރުވުމަށެވެ.
ދުނިޔޭގެ 130އަށް ވުރެ ގިނަ ޤައުމަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގެންފައިވާތީ، އައްޝައިޚް ތަމީމް ވަނީ މި ކަމާ އުފައު ފައުޅުކުރައްވާފައެވެ. މިއާ އެކު، ޣައްޒާގައި އިސްރާއީލުން ހިންގާ އިޙުތިލާލު ނިމުމަކަށް އައިސް، ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެންބަރުކަން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަމީރު ވިދާޅުވިއެވެ.
މި އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ފަލަސްޠީނާއި އިސްރާއީލުން ވަނީ، އެމެރިކާ ރައީސް ޑޮނަލްޑް ޓަރްންޕް ހުށަހެޅުއްވި ޞުލްޙައިގެ އޮނިގަނޑަށް ޢަމަލުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް، މި މުޢާހަދާއާ ޚިލާފަށް، އިސްރާއީލުން ތަކުރާރުކޮށް އަނިޔާވެރި ޢުދުވާނުތައް ހިންގަމުންދާ ކަން ބައިނަލްއަޤުވާމީ ނޫސްތަކުން ކަށަވަރުކޮށްދެއެވެ. މި ގޮތުން، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް ޣައްޒާގެ ހަސްފަތާލުތަކަށް ޝަހީދުވެފައިވާ 13 މީހެއްގެ ހަށިގަނޑާއި، ޒަޚަމުވެފައިވާ 8 މީހަކު ގެންގޮސްފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.