ޚަބަރު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ޢައްޔަންކުރުން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ތިން މެންބަރުން މިއަދު އެ މަޤާމުތަކަށް ޢައްޔަންކުރައްވައިފިއެވެ.
މިބޭފުޅުން އެ މަޤާމުތަކަށް އައްޔަނު ކުރައްވާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި 20 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ތިން މެންބަރުންނަކީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި، ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤް އަދި ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންނެވެ.
މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުން ވަނީ މިދިޔަ އޮކްޓޫބަރު 13، 2025 ގައި ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސާފައެވެ. މީގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މިއަދު އެތިން މަޤާމަށް ބޭފުޅުން އައްޔަނުކުރެއްވުމާއެކު މިހާރު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުރިހާ މެންބަރުން ހަމަވެފައެވެ. މި ކޮމިޝަނަކީ ރާއްޖޭގެ މީޑިއާ ދާއިރާ ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ މުހިންމު މުއައްސަސާއެކެވެ.