ދުނިޔެ
ޙަމާސްއާއި އިސްރާއިލުން އިތުރު އަސީރުންގެ ހަށިގަނޑުތަކެއް ބަދަލުކޮށްފި
ޣައްޒާގެ ރައްޔިތުންގެ ތެރެއިން ގެއްލިފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަނީ
ޙަމާސްއާއި އިސްރާއިލުން އިތުރު އަސީރުންގެެ ހަށިގަނޑުތަކެއް ބަދަލުކޮށްފިއެވެ.
އެގޮތުން ޙަމާސްއިންވަނީ އިސްރާއީލުގެ ދެ އަސީރެއްގެ މަރުވެފައިވަ ހަށިގަނޑު އިސްރާއިލާ ހަވާލުކޮށްފައެވެ. އެއީ 85 އަހަރުގެ އަރިއޭ ޒަލްމަނޯވިޗް އާއި 38 އަހަރުގެ ސިފައިންގެ މީހެއްކަމަށްވާ ސާޖަންޓް ތަމީރު އަދާރުގެ ހަށިގަނޑެވެ. މި ހަށިގަނޑުތައް ރެޑް ކްރޮސް މެދުވެރިކޮށް ހަވާލުކުރީ ހަމާސްގެ ހަތިޔާރުވެރި ބައި ކަމުގައިވާ ޤައްސާމް ބްރިގޭޑުންނެވެ.
އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޒަލްމަނޯވިޗް ނިޔާވެފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ޣައްޒާގައި ބަންދުގައި ހުއްޓައެވެ. އަދި އަދާރު މަރުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ދެކުނު އިސްރާއީލުގައި ހިނގި ހަނގުރާމައިގައެވެ. އޭނާގެ ހަށިގަނޑު ގެންގޮސްފައިވަނީ ޣައްޒާއަށެވެ.
ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ހަމާސްއިން ވަނީ 15 އިސްރާއީލްގެ އަސީރުންގެ
ހަށިގަނޑު އިސްރާއީލާ ހަވާލުކޮށްފައެވެ. އަދި އިތުރު 13 ހަށިގަނޑު ހަވާލުކުރަން ހުރި ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ޣައްޒާގައި ދިމާވެފައިވާ ބޮޑެތި ގެއްލުންތަކާއި، އިސްރާއީލު ސިފައިން ޣައްޒާގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާތީ، ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ލަސްވަމުންދާ ކަމަށް ހަމާސްއިން ބުނެއެވެ.
އަނެއްކޮޅުން، އިސްރާއީލުން ވަނީ އިސްރާއީލުގެ ޖަލުތަކުގައި
ޝަހީދުވެފައިވާ 15 ފަލަސްތީނު މީހުންގެ ހަށިގަނޑު ޣައްޒާއާ ހަވާލުކޮށްފައެވެ. މި ހަށިގަނޑުތައް ގެންގޮސްފައިވަނީ ނާސަރު މެޑިކަލް ކޮމްޕްލެކްސްއަށް ކަމަށް މެޑިކަލް މަސްދަރެއް ބުނެފައިވެއެވެ. އެއްބަސްވުމުގެ ދަށުން އިސްރާއީލުން ވަނީ 2,000 އަށްވުރެ ގިނަ ފަލަސްތީނު އަސީރުން ދޫކޮށްލައި، އަދި 360 ޝަހީދުވެފައިވާ ފަލަސްތީން ރައްޔިތިންގެ ހަށިގަނޑު ހަވާލުކުރުމަށް އެއްބަސްވެފައެވެ.
"ގިނަ ފަލަސްތީނު އަސީރުންތިބެނީ އެއްވެސް ޝަރުއީ އިޖުރާއަތެއް ނެތި، ދައުވާއެއް ނުކޮށް، ހަމައެކަނި ބޭރު އަސްކަރީ އޮކިއުޕޭޝަނެއްގެ އަސްކަރީ އަމުރުތަކުގެ ދަށުން،" ބިސާން ސެންޓަރ ފޮރ ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރު އުބައި އަލް-އަބޫދީ ވިދާޅުވިއެވެ.