ޚަބަރު
އައްޑޫގެ ވަކިވަކި ކައުންސިލްތަކާ ގުޅޭ ވޯޓުގައި ތިން ރަށުން 64 ޕަސެންޓް މީހުން ވޯޓު ނުލާ : އީސީ
މިއަދު ކުރިއަށްދިއަ ވޯޓުލުން ފޮޓޯ: އީސީ
އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމާ މެދު ނަގާ ވޯޓުގައި، މިހާތަނަށް ވޯޓުލާފައިވަނީ ޖުމްލަ 3،410 މީހުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި މިއަދު ތިނެއް ޖެހުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 72 ޕަސެންޓު ވެސް ވޯޓުލާފައި ނުވެއެވެ.
އީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލުމުގެ ހައްގު ލިބިގެންވާ 9،576 މީހުންގެ ތެރެއިން 6،116 މީހަކު ނުވަތަ 64.39 ޕަސެންޓް މީހުން ވޯޓުލާފައި ނުވާކަން ފާހަގަވެއެވެ. ވޯޓުލުން ނިމުމަކާ ގާތްވަމުން އަންނައިރު ވެސް ވޯޓު ފޮށިތަކުގެ ކައިރީގައި މީހުންގެ ފޯރިއެއް ނެތްކަން ވަނީ ފާހަގަވެފައެވެ.
— Elections Commission (@ElectionsMv) October 25, 2025
މި ތިން ރަށުގެ ތެރެއިން އެންމެ އާބާދީ ބޮޑު ފޭދޫގައި ބަހައްޓާފައި ހުރި ފޮށިތަކަށް މިހާތަނަށް ވޯޓުލާފައިވަނީ ގާތްގަނޑަކަށް 500 މީހުންނެވެ. މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ ރައްޔިތުންނަށް ވޯޓުލުމަށް ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ހަތް ވޯޓު ފޮށީގައި 3:20 ހާއިރަށް ވޯޓުލާފައިވަނީ 1،200 އެއްހާ މީހުންނެވެ. ހުޅުދޫ އާއި މީދޫގައި ވެސް ޓާންއައުޓް ހުރީ ދަށްކޮށެވެ.
މި ވޯޓު ނެގުމަށްޓަކައި މާލެ އާއި ހުޅުދޫ، މީދޫ އަދި ފޭދޫގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި ހުޅުދޫގައި ތިން ފޮށްޓާއި، މީދޫގައި ތިން ފޮށްޓާއި، ފޭދޫގައި ފަސް ފޮށްޓާއި، މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ ރައްޔިތުންނަށް ހަތް ފޮށި ހިމެނެއެވެ.