ޚަބަރު
ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގަ ހުޅުމާލޭން 3 ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ހައްޔަރުކުރި ބިދޭސީން ގެންގުޅުނު ތަކެތި
ފަރުދުން
26 އޮކްޓޯބަރު 2025، 12:40
26 އޮކްޓޯބަރު 2025، 12:40
ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ރިޔާސް އުއްދީން، ބަންގްލަދޭޝް (19އ) އާއި އެމްޑީ އަޝްރަފުލް އަލަމް، ބަންގްލަދޭޝް (27) އަދި ޔާސިރް ހަމީދު، ޕާކިސްތާން (24އ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން، ފުލުހުން މަގުމަތި ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާކަމަށް ފުލުހުން ވިިދާޅުވިއެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.