ދުނިޔެ

ޓްރަމްޕް މެލޭޝިޔާއަށް ވަޑައިގެން އެއަރޕޯޓުގައި ނެށުއްވުން: ތައިލެންޑާއި ކެމްބޯޑިޔާއިން ޞުލްޙަވުމަށް އެއްބަސްވެއްޖެ!

ޓްރަމްޕް މެލޭޝިޔާއަށް ވަޑައިގެން އެއަރޕޯޓުގައި ނެށުއްވުން: ތައިލެންޑާއި ކެމްބޯޑިޔާއިން ޞުލްޙަވުމަށް އެއްބަސްވެއްޖެ!

ޓްރަމްޕް މެލޭޝިޔާއަށް ވަޑައިގެން އެއަރޕޯޓުގައި ނެށުއްވުން

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 05:08

26 އޮކްޓޯބަރު 2025، 05:08

ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް މެލޭޝިޔާއަށް ވަޑައިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއަރޕޯޓުގައި ނެށުއްވި މަންޡަރު ފެންނަ ވީޑިޔޯއެއް އިޖުތިމާޢީ ވިޔުގަތަކުގައި ދައުރުވެއްޖެއެވެ. ޓްރަމްޕް މެލޭޝިޔާއަށް ވަޑައިގަތުމުން، ޓްރަމްޕަށް މަރުޙަބާ ކިޔުމަށް މެލޭޝިޔާ ކުދީން ނަށަމުން ދިޔަ ވަޤުތު، ރެޑް ކާޕެޓް މަތީން އެއް ފަރާތަށް ޖެހިވަޑައިގެން، ޓްރަމްޕް ވެސް ވަނީ އެ ނެށުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ޓްރަމްޕްގެ ނެށުއްވުމަށް ފަހު، ތައިލެންޑާއި ކެމްބޯޑިޔާއިން ޞުލްޙައިގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މެލޭޝިޔާގައި މިހާރު ކުރިއަށްދާ "އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގެ އިއްތިޙާދު" (އާސިޔާން) ސަމިޓުގެ ހަވާސާގައެވެ.

ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ހިނގަމުންދާ ޙަމަލާ ބަދަލުކުރުން ފެށިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ ވަރުގަދަ ޙަމަލާތަކަށް މެދުކެނޑުމެއް އައީ، ޓްރަމްޕްގެ އިސްނެންގެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޓްރަމްޕް ޖުލައި މަހުގެ ޙަމަލާތައް ހުއްޓުވައިލެއްވީ، ދެ ޤައުމުގެ އިސް ވެރީންނާ މަޝްވަރާ ކުރައްވައިގެންނެވެ.

ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު އޭރު ވެވުނު ވަޤުތީ އެއްބަސްވުމަށް ފަހު، ދާއިމީ މުޢާހަދާއެއްގައި ސޮއިކޮށްފައި މި ވަނީ މެލޭޝިޔާގައި ކުރިއަށްދާ އާސިޔާން ސަމިޓުގެ ހަވާސާގައެވެ. މި ސޮއިކުރުން ކުރިއަށް ދިޔައީ، ރައީސް ޓްރަމްޕްގެ ޙުޟޫރުގައެވެ. ބައިނަލްއަޤުވާމީ މަސްރަޙު ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ދެ ޤައުމުން ޙަމަލާ ހުއްޓައިލުމުގެ އެއްބަސްވުމުގައި ސޮއިކުރާން ނިންމީ، ރައީސް ޓްރަމްޕްގެ އިންޛާރުދެއްވުމަކާ ގުޅިގެންނެވެ.  މި ގޮތުން، ޙަމަލާ ބަދަލުކުރުން ހުއްޓާނުލައިފި ނަމަ، އެ ދެ ޤައުމާ އެކު ކުރަމުން އައި ވިޔަފާރީގެ މަޝްވަރާތައް ހުއްޓައިލާނޭ ކަމުގައި ޓްރަމްޕް ވިދާޅުވި ކަމަށް މާހިރުން ވަނީ ލަފާކުރައްވާފައެވެ.

މި މުޢާހަދާގައި ސޮއިކުރުމުގެ އިތުރުން، އެއްބަސްވުން ތަންފީޛު ކުރުމާ ގުޅޭ ގޮތުން އާސިޔާން ސަމިޓުގެ ތެރެއިން މުހިންމު ނިންމުމެއް ނިންމާފައިވެއެވެ. މި ގޮތުން، މުޢާހަދާ ތަންފީޛުކުރާ ކަން ކަށަވަރުކުރުމަށް، މެލޭޝިޔާގެ ޤައުމީ ޢަސްކަރީ ފައުޖެއް، ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ އިމުގެ ސަރަޙައްދަށް ފޮނުވުމަށް ނިންމާފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން