Ads by Stelco

ޚަބަރު

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގެ ތެރެއިން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޮކްޓޯބަރު 2025، 10:32

27 އޮކްޓޯބަރު 2025، 10:32

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު، ވީހާވެސް ގިނަ މަސްވެރިންނަށް ފުރުޞަތު ދިނުމުގެ ގޮތުން، މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

 މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. ކުރިން މި މުއްދަތު ހަމަވާގޮތަށް ހަމަޖެހިފައިވީ މިމަހުގެ 23 ވަނަ ދުވަހަށެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރެއެވެ. މިފަހަރުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ. މި ޖަލްސާގައި ޖުމްލަ ތިން އެވޯޑެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ ހިތްވަރުގަދަ ޒުވާން ކެޔޮޅު، އެންމެ ތަޖުރިބާކާރު ކެޔޮޅު އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.

މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކަށެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، ހިތްވަރުގަދަ ޒުވާން ކެޔޮޅުގެ އެވޯޑަށް 35 އަހަރުގެ ދަށުގެ ކެޔޮޅުންނަށް ކުރިމަތިލެވޭއިރު، ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ކެޔޮޅުންނަށެވެ. މި އެވޯޑަށް އެދި އަމިއްލަ ޙައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި އެވޯޑަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އަގު ވަޒަންކުރުމުގެ މުހިންމު މަސައްކަތެކެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެއް ކަމަށްވާ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން އައިސް އުފައްދާ ނިޒާމާއި މަސް ފިނިކުރާ ނިޒާމުތައް އިތުރުކުރުމާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރުން، މަސްވެރިންނަށް ފައިސާ ދޫކުރުން ހަރުދަނާކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން