ޚަބަރު
ޅ. ކުރެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
 
                    އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ރައީސް އޮފީސް
ޅ. ކުރެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ކުރެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ކުރެންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު އެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކުރަމުންދާ ކުންފުންޏެކެވެ. ޒަމާނީ ފެންވަރަށް މަގުހެދުން ފަދަ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުން ލިބިފައިވެއެވެ.
ކުރެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.
 
                 
                             
                                         
                 
                 
                                             
                                            