Ads by Stelco

ޚަބަރު

ޕީ.އެޗް.ޑީ. ސަނަދު ބަލައިގަތުމަށް ހައި ކޯޓުން ކުރި އަމުރެއް ސުޕްރީމް ކޯޓުން ބާޠިލުކޮށްފި

ޕީ.އެޗް.ޑީ. ސަނަދު ބަލައިގަތުމަށް ހައި ކޯޓުން ކުރި އަމުރެއް ސުޕްރީމް ކޯޓުން ބާޠިލުކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު.

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2025، 03:55

28 އޮކްޓޯބަރު 2025، 03:55

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ.)އިން ޤަބޫލުނުކުރުމަށް ނިންމި ޕީ.އެޗް.ޑީ. ސަނަދެއް ބަލައިގަތުމަށް ހައި ކޯޓުން ކުރި އަމުރެއް ސުޕްރީމް ކޯޓުން އަދު ބާޠިލުކޮށްފިއެވެ.

މި މައްސަލަ ފައުޅުވީ، ފިލިޕީންސް ކޮލެޖަކާ ގުޅިގެން ސްރީ ލަންކާގެ ކޮލެޖަކުން ދީފައވާ 3 ޕީ.އެޗް.ޑީ. ސަނަދެއް ބަލައިނުގަތުމަށް 2021ވަނަ އަހަރު އެމް.ކިޔު.އޭ.އިން ނިންމުމުންނެވެ. މި މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން މިދިޔަ އަހަރު އަމުރުކުރީ، އެމް.ކިޔު.އޭ.އިން އެ ސަނަދުތައް ބަލައިގަތުމަށެވެ. ހައި ކޯޓުން ނެރުނު އަމުރުގައި ބުނީ، އެ 3 ދަރިވަރުންގެ ސަނަދު ބަލައިނުގަތުމަށް ނިޔައުކުރާ އުޞޫލު އެމް.ކިޔު.އޭ.އިން އެކުލަވާލީ އެ ދަރިވަރުން ކޯހުގައި ކިޔަވާން ފެށުމަށް ފަހުގައި ކަމަށެވެ. ވީމާ، އެ ދަރުވަރުންގެ ސަނަދު ބަލައިގަތުމަކީ އެމް.ކިޔު.އޭ.އަށް ލާޒިމު ކަމެއް ކަމަށް ހައި ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ހައި ކޯޓުން ނިންމި މި ނިންމުމާ ވިދިގެން، ދައުލަތުން ވަނީ މި މައްސަލަ، ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މިއާ އެކު، ސުޕްރީމް ކޯޓުން މައްސަލައިގައި އަދު ޙުކުމް ކުރީ، ހައި ކޯޓުގެ ހުކުމް ބާޠިލުކޮށް، އެމް.ކިޔު.އޭ.އިން އެ ސަނަދުތައް ބަލައިގަންނާން ނުޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ތަފްޞީލުގައި ބުނީ، އެމް.ކިޔު.އޭ.އިން ލަންކާގެ އެ ކޮލެޖުގެ ސަނަދުތައް ބަލައިގަތުމަށް ކުރީން އޮތް އުޞޫލަކީ އެއްވެސް ޔަޤީންކުރުމެއް ނެތި އެކުލަވާލައިފައި އޮތް އުޞޫލެއް ކަމަށެވެ. ވީމާ، ކަށަވަރުނުވާ ލިޔެކިޔުމެއްގެ މައްޗަށް ބިނާކޮށް ހައި ކޯޓުން އެމް.ކިޔު.އޭ.އަށް އެ ސަނަދުތައް ޤަބޫލުކުރުމަށް އަމުރުނުކުރެވޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.

އެހެން ނަމަވެސް، މި 3 ދަރިވަރުންގެ ތެރޭން 1 ދަރިވަރަށް އެމް.ކިޔު.އޭ.އިން ވަނީ ކޯސް ބަލައިގަންނާނޭ ކަމުގެ ޔަޤީންކަން ލިޔުން މެދުވެރިކޮށް ދީފައެވެ. ވީމާ، މި ދަރިވަރުގެ ސަނަދު ރައްދުކުރުމުގެ ސަބަބުން ލިބުނު ނުވަތަ ލިބެމުންދާ ގެއްލުމަށް އެމް.ކިޔު.އޭ.އިން ޛިންމާވާން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. އަނެއް 2 ދަރިވަރުންނަށް މިފަދަ ލިޔުމެއް އެމް.ކިޔު.އޭ.އިން ދީފައިނުވާތީ، އެ ދަރިވަރުންނަށް އެމް.ކިޔު.އޭ.ގެ ފުށުން އެއްވެސް ބަދަލެއް ދިނުމަށް ލާޒިމުނުވާ ކަމަށް ސުޕްރީމް ކޯޓުން އަންގައެވެ.

ހައި ކޯޓުން މި ކަމުގައި ކޮށްފައި އޮތް ޙުކުމް އުވާލުމަށް ނިންމީ، ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. މި މައްސަލައިގައި އިސްވެ ދެންނެވުނު ގޮތުގެ މަތީން ޙުކުމް ކުރުމަށް ފަހު، ސުޕްރީމް ކޯޓުން ވަނީ ބަދަލު ޙައްޤުވާ ދަރިވަރަށް އެމް.ކިޔު.އޭ.އިން ދޭން ޖެހޭ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ހައި ކޯޓާ ޙަވާލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން