ދުނިޔެ
ޣައްޒާއަށް ހަމަލާދޭން ނަތަންޔާހޫގެ އޯޑަރެއް، އިސްރާއިލް ސިފައިން އަނެއްކާވެސް ޣައްޒާއަށް ހަމަލާދީފި
ޣައްޒާގައި ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަންެގެ ތެރެއިން
ހުލާސާ
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން، ޣައްޒާއަށް ހަމަލާ ދިނުމަށް އަމުރުނެރުމާއެކު އިސްރާއިލް ސިފައިން ޣައްޒާއަށް ހަމަލާދީފި
ނަތަންޔާހޫގެ އަމުރާއި ގުޅިގެން އިސްރާއިލް ސިފައިން ވަނީ ޣައްޒާއަށް ވައިގެން މަގުން ތިން ހަމަލާދީފަ
މި ހަމަލާތަކަކީ ހަމަލާތައް ހުއްޓާލުމުގެ މުޢާހަދާއާއި ޚިލާފުވެ އިސްރާއިލުން ދީފައިވާ ހަމަލާތަކެއް
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހުމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ، "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، މިހާރުވެސް އިސްރާއިލުން މަދުވެގެން ތިން ވައިގެހަމަލާ ޣައްޒާއަށް ދީފައިވާ" ކަމަށެވެ. ހަމަލާތަކުގެ އަޑު އިވުނު ކަމަށް އަޑުތައް އެހިފަރާތްތަކުން އޭއެފްޕީއަށް ވަނީ ބުނެފައެވެ.
އަނަދޮލޫ އެޖެންސީ (އޭއޭ) ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ ހުޅަނގަށް އޮންނަ ޝާޠީ ރެފިއުޖީ ކޭމްޕަށް އިސްރާއިލްގެ ވައިގެހަމަލާއެއް އަމާޒުކޮށްފައިވާއިރު، ޣައްޒާގެ މެދުތެރޭގައި އޮންނަ ދެއިރުލް ބަލަހްގެ އިރުމަތީ ސަރަހައްދުތަކަށް ވަނީ އާޓިލަރީ ހަމަލާތައް ދީފައެވެ.
މީގެ އިތުރުން، ޣައްޒާ ސިޓީގައި ހުންނަ ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ވަށައިގެން ވެސް މިސައިލް ހަމަލާތައް ދީފައިވެއެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއިލްގެ ސިފައިން ކުރިން ފޭބި "ޔެލޯ ލައިން" އިން ބޭރުގައިވާ ސަރަހައްދެއް ކަމަށްވާ ޝިފާ ހޮސްޕިޓަލްގެ ގޯތިތެރެއަށް އިސްރާއިލްގެ ޑްރޯނަކުން ހަމަލާދީފައިވާ ކަމަށް ވެސް އެ ސަރަހައްދުގެ މީޑިއާތަކުން ބުނެއެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ސެކިއުރިޓީ ކޮންސަލްޓޭޝަންތަކަށް ފަހު، ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާގެ ސަރަހައްދަށް ވަގުތުން ބާރުގަދަ ހަމަލާތަކެއް ދިނުމަށް ސިފައިންނަށް އަމުރުކޮށްފައި" ކަމަށެވެ. ހަމާސްއިން ދެކުނު ޣައްޒާގައި އިސްރާއިލްގެ ސިފައިންނަށް ބަޑިޖެހި ކަމަށް އިސްރާއިލުން ބުނިތާ މާގިނައިރުތަކެއް ނުވެ ނަތަންޔާހޫ ވަނީ މިޢިއުލާނު ކޮށްފައެވެ. ޙަމާސްއިން އިސްރާއިލްގެ ހައްޔަރުގައި ހުރި މީހެއްގެ ހަށިގަނޑެއްގެ ބައިތައް ހަވާލުކުރުމާ ގުޅިގެން ވެސް ހާލަތު ވަނީ ގޯސްވެފައެވެ. މި ހަށިގަނޑަކީ ކުރީގެ ހަނގުރާމައެއްގައި ހައްޔަރުކުރެވުނު މީހެއްގެ ހަށިގަނޑެއް ކަމަށް އިސްރާއިލުން ބުނެއެވެ. ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން ބުނީ، އެމީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނު އިސްރާއިލްގެ ހައްޔަރުކުރެވިފައިވާ މީހެއްގެ ހަށިގަނޑު ރޭ ހަވާލުކުރުން ލަސްވީ އިސްރާއިލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ކަމަށެވެ.
އެ ޖަމާއަތުގެ ހަނގުރާމަވެރި ފިޔަ، އަލް-ޤައްސާމް ބްރިގޭޑްސްއިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަށިގަނޑުގެ ބައިތައް ހަވާލުކުރާނީ އެ ސަރަހައްދުގެ ގަޑިން ރޭ 8 ޖަހާއިރު (1800 ޖީއެމްޓީ) ކަމަށެވެ. އަލް-ޤައްސާމް ބްރިގޭޑްސްއިން އިންޒާރު ދީފައިވަނީ، "އިސްރާއިލުން ދޭ ކޮންމެ ހަމަލާއަކީ ހޯދުމުގެ އޮޕަރޭޝަންތަކަށާއި ހަށިގަނޑު ނެގުމުގެ މަސައްކަތަށް ހުރަސްއަޅާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން މަރުވެފައިވާ މީހުން އަނބުރާ ގެނައުން ލަސްވާނެ" ކަމަށެވެ. އޮކްޓޯބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، ޙަމާސްއިން ވަނީ ދިރިތިބި 20 އިސްރާއިލްގެ ހައްޔަރުކުރެވިފައިވާ މީހުންނާއި، މަރުވެފައިވާ 28 މީހުންގެ ތެރެއިން 17 މީހުންގެ ހަށިގަނޑު ދޫކޮށްލާފައެވެ.
ނަމަވެސް، އިސްރާއިލުން ބުނަނީ، އަނބުރާ ގެނެވުނު ހަށިގަނޑުތަކުގެ ތެރެއިން އެކެއް އެމީހުންގެ ހައްޔަރުކުރެވިފައިވާ މީހުންނާ ނުގުޅޭ ކަމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރުމާއި، ޙަމާސް ނުހިމެނޭ ގޮތަށް އާ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. ލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއިލުން ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަނގުރާމައިގައި މިހާތަނަށް 68،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 170،300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.