ދުނިޔެ
އިސްރާއީލުން ފަލަސްޠީނުގެ 100 މީހުން ޝަހީދުކޮށްލުމަށްފަހު، ޞުލްޙަ އިޢާދަކޮށްފީމޭ ބުނެފި!
އިސްރާއީލުން ރޭއްސުރެ 100އަށް ވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުކޮށްލައިފި.
ފަރުދުން
29 އޮކްޓޯބަރު 2025، 04:03
29 އޮކްޓޯބަރު 2025، 04:03
ރެއިން ފެށިގެން އަދާ ހަމައަށް އިސްރާއީލީ ފައުޖުން ފަލަސްޠީނުގެ 104 މީހުން ޝަހީދުކޮށްލުމަށްފަހު، "ޞުލްޙަ އަލުން އިޢާދަކޮށްފިން" ކަމުގައި ބުނެފިއެވެ.
އިސްރާއީލުން ޝަހީދުކޮށްލާފައިވާ 104 ފަލަސްޠީނީންގެ ތެރޭގައި 46 ކުޑަކުދީން ހިމެނެއެވެ. މީގެ އިތުރުން، ރޭއްސުރެ ފަލަސްޠީނުގެ 253 މީހުން އިސްރާއީލުން ޒަޚަމްކޮށްފައިވާ ކަމަށް، ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
"މި ޖަރީމާތައް އިތުރުވެގެންދަނީ އަހަރެމެންގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާންތަކުގެ ދިގު ލިސްޓަކަށް." ޣައްޒާގެ މަދަނީ ދިފާޢު (ސިވިލް ޑިފެންސް)އިން ބުނެއެވެ.
އިސްރާއީލާއި ފަލަސްޠީނާ ދެމެދު ޞުލްޙައިގެ މުޢާހަދާއެއް ޤާއިމުކުރެވުމަށްފަހު، އިސްރާއީލުން ފަލަސްޠީނަށް ތަކުރާރުކޮށް ދަނީ ޙަމަލާ ދެމުންނެވެ. މި ގޮތުން، ރެޔާއި މިއަދު އިސްރާއީލުން ދިން ޙަމަލާތަކަކީ، "ވަރުގަދައަށް ޙަމަލާ ދިނުމަށް" ނަތަންޔާހޫ ކުރި އަމުރަކާ ވިދިގެން ނުކުތް ނަތީޖާއެވެ.
އިސްރާއީލުގެ އެންމެ ފަހުގެ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި، ފަލަސްޠީނުގެ ނޫސްވެރިއެއް ކަމުގައިވާ މުޙައްމަދް އަލް-މުނީރާވީ އާއި އޭނާގެ އަނބިމީހާ ހިމެނެއެވެ. އެ ދެމަފިރީން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ފޭލިގެއެއްގައި ދިރިއުޅެމުން ދަނިކޮށެވެ. މިއާ އެކު، އިސްރާއީލުން ޝަހީދުކޮށްލި ނޫސްވެރީންގެ ޖުމްލަ ޢަދަދު 256އަށް ވަނީ އަރާފައެވެ. އިސްރާއީލުން ޢަމްދުގައި ނޫސްވެރީންނަށް ޙަމަލާ އަމާޒު ކުރަމުންދާއިރު، މި ކަމުގެ މަޤުޞަދަކީ އިސްރާއީލުން ހިންގާ ރަޙުމުކުދާ ޢުދުވާނުތަކާ ދެކޮޅަށް ނޫސްވެރީން ދައްކާ ވާހަކަތަކުގެ އަޑުތައް ކަނޑުވާލުމެވެ.
މި އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޞުލްޙައިގެ މައްޗަށް އެއްބަސްވުމަށްފަހު، އިސްރާއީލުން މި ޢަހުދާ ޚިލާފަށް ޖުމްލަ 47 ފަހަރު ވަނީ ވައިގެ މަގުންނާއި ބަޑީގެ ޛަރީޢާއިން ޙަމަލާދީފައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާގެ ޙިސާބުކިތާބުން ހާމަވާ ގޮތުގައި، މުޢާހަދާއަށްފަހު އިސްރާއީލުން ވަނީ 211 ފަލަސްޠީނީން ޝަހީދުކޮށްލާފައެވެ. އަދި 597 މީހުން ޒަޚަމުކޮށްލާފައެވެ.
މިއާއެކު، އިސްރާއީލާއި ފަލަސްޠީނާ ދެމެދުގެ ހަނގުރާމައިގައި 2023ވަނަ އަހަރުއްސުރެ ޝަހީދުވެފައިވާ ޖުމްލަ ފަލަސްޠީނީން 68،643އަށް ވަނީ އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ ޢަދަދު 170,655އަށް ވަނީ އަރާފައެވެ.
ޔަހޫދީން މުޢާހަދާއާ ޚިލާފުވާނޭ ކަމަށް ޞުލްޙައިގެ އެއްބަސްވުން އޮތް ދުވަހު ވެސް އެތައް ބަޔަކު އިޖުތިމާޢީ ވިޔުގަތަކުގައި ދިޔައީ ބުނަމުންނެވެ. ކަން ވީ ވެސް ހަމަ އެހެންނެވެ.
فَبِمَا نَقْضِهِمْ مِيثَاقَهُم لَعَنّاهُم
ފަހެ އެއުރެންގެ ޢަހުދު އުވާލުމުން، ތިމަންރަސްކަލާނގެ އެއުރެންނަށް ލަޢުނަތް ލެއްވީމެވެ.