ޚަބަރު
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 18 އަމިއްލަ މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން 27.9 މިލިއަން ރުފިޔާ ދޫކުރަނީ
 
                    ނޫސްވެރިންގެ ބައްދަލުވުމެއް/ފޮޓޯ: ދަ ޕްރެސް
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 18 އަމިއްލަ މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން 27.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާ މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މި ފައިސާ ދޫކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ މީޑިއާތައް ބާރުވެރިކޮށް، މާލީ މިނިވަންކަން ހޯދައިދީ، ނުފޫޒުން އެއްކިބާކޮށް، ޒިންމާދާރު ބަޔަކަށް ހެދުން ކަމަށެވެ. ހަމަ އެހެންމެ، ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ މިކަމަށް ޚަރަދުކުރުމަށް ނިންމާފައިވާއިރު، ފައިސާ ދޫކުރާ މީޑިއާތައް ކަނޑައަޅާފައިވާނީ މުވައްޒަފުންގެ ތަޢުލީމާއި ތަޖުރިބާ ފަދަ ކަންކަމަށް ބެލުމަށްފަހު ޕޮއިންޓުދޭ އުޞޫލެއްގެ ދަށުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ފައިސާ ލިބޭ މީޑީއާތަކާއި ލިބުނު ފައިސާގެ ޢަދަދު:
- ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
- ވީޓީވީ: 3 މިލިއަން ރުފިޔާ
- އެސްއެސް ޓީވީ: 2.9 މިލިއަން ރުފިޔާ
- ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
- ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
- ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
- ސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
- ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
- ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
- ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
- މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
- މިހާރު (އިނގިރޭސި): 1.17 މިލިއަން ރުފިޔާ
- ތިލަދުން: 1.2 މިލިއަން ރުފިޔާ
- އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
- ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
- ދިޔަރެސް: 1.1 މިލިއަން ރުފިޔާ
- ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
- މާލްދީފް އޮންލައިން: 899,197.77 ރުފިޔާ
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑީއާތަކަށް ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނަ ރުފިޔާ ލިބެނީ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ދެވަނަ އަށް އެންމެ ގިނަ ރުފިޔާ ލިބެނީ ވީޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3 މިލިއަން ރުފިޔާ ލިބެއެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ރުފިޔާ ލިބެނީ އެސްއެސްޓީވީ އަށެވެ. އެ ޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބެއެވެ.
 
                 
                             
                                         
                 
                 
                                             
                                            