ޚަބަރު
ޖޭއެސްސީގެ ރައީސްގެ މަޤާމަށް ހުސްނީ މުބާރިކް ކަނޑައެޅުމަށް އެކޮމިޝަނުން ނިންމައިފި
މެމްބަރު ޙުސްނީ މުބާރަކް
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަޤާމަށް، އެކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު، އަލްއުސްތާޛު ޙުސްނީ މުބާރިކް ކަނޑައަޅުއްވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.
ޖޭއެސްސީން ވިދާޅުވި ގޮތުގައި، ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކައި މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ޙުސްނީ މުބާރިކް އެ މަޤާމަށް އައްޔަންކުރެވުނީ، އެ ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ. ޙުސްނީ މުބާރިކަކީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރެވެ.
ޙުސްނީ މުބާރިކް، ޖޭއެސްސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީވެސް މިއަދުއެވެ. އެމަނިކުފާނު މި މަޤާމަށް ޢައްޔަންކުރެވުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ޖޭއެސްސީގެ ރައީސްކަމުގެ މަޤާމަށް އޭނާ ހޮވުނުއިރު، މިއީ އެ ކޮމިޝަނަށް އޭނާ އައްޔަންކުރެވުނު ދުވަހެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ޖުމްލަ 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ކުރީގެ ރައީސް ޙުސައިން ރިޟާ އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޙުސައިން ރިޟާގެ ބަދަލުގައި ޖޭއެސްސީއަށް ޙުސްނީ މުބާރިކް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ޖޭއެސްސީގެ ރައީސްކަމަށް ޙުސްނީ މުބާރިކް އައްޔަންކުރުމާއެކު، ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.