ޚަބަރު
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ 14 ފަރާތަކަށް ފްލެޓްގެ ޑައުން ޕޭމަންޓް ޒަކާތު ފަންޑުން ދައްކައިދެނީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާޓް ކޮށްފައިވާ ފްލެޓްތަކެއް: ފޮޓޯ- މިހާރު
ފަރުދުން
30 އޮކްޓޯބަރު 2025، 12:00
30 އޮކްޓޯބަރު 2025، 12:00
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ސޯޝަލް ހައުސިންގ ގެ ދަށުން ފްލެޓް ލިބި ޑައުން ޕޭމަންޓް ނުދެއްކި ތިބި، ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައިދޭން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ އެ އިދާރާއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ސަމާލުކަމަށް ވަނީ އައިސްފައިވާކަމަށެވެ.
އެހެންކަމުން މިކަން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު ވަނީ އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދިނުމަށް ނިންމާފަ ކަމަށާއި، 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ކަމަށެވެ. އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ވަނީ ހަމަޖެހިފައިވާކަމަަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަޤީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކުރައްވާފައެވެ. މި މަސްއޫލިއްޔަތާއެކު، ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމަކީވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަޤުޞަދެއް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެފައި ވެއެވެ. އެގޮތުން، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރުފު ކުރުމަށް ޒަކާތު ހައުސްއިން މަސައްކަތް ކުރަމުންދާ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، މި ކާޑު ތަޢާރުފް ވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.